ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތިބީ ފުދުންތެރި ދިރިއުޅުމަކަށް އެދިއެދިކަމަށާއި، އޭނާ ނުކުންނެވީ އެ ރައްޔިތުންގެ އަޑު އެހުމަށްފަހު އެކަންކޮށްދޭން ކަަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ.
ޙަންނާނުގެ މާލޭ ކެމްޕޭން ޖަގަހާގައި އަންގާރަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ހަންނާނު ވިދާޅުވީ، އޭނާ ނުކުމެ ހުންނެވީ ކޮމަންޑޫ ދާއިރާއަށް އަދި ޚާއްޞަކޮށް ޒުވާނުންނަށް ދިމާވެފައި ހުރި ވަރަށް ގިނަ ކަންކަން ނުކުރެވި އެތައް ޒަމާނެއްވެގެން ވެގެން ދިޔުމުން، އެކަމާ ކެތްނުކުރެވިގެން ޒުވާނުން އައިސް އޭނާ ކައިރީ އެދުމުން ކަމަށެވެ.
"ވަރަށް ގިނަ ކަންކަން ނުކުރެވި އެތައް ޒަމާނެއްވެގެން ވެގެން ދިޔުމުން، އެކަމާ ކެތްނުކުރެވިގެން ޒުވާނުން އައިސް އަޅުގަނޑު ކައިރީ އެދުނީމައި އަޅުގަނޑު މިހިރީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށްޓަކައި ސިޔާސީ ޕާޓީއަކާއެކު ނުކުމެ ކަންކަން ހައްލުކޮށްދިނުމަށް" ހަންނާން ވިދާޅުވިއެވެ.
ހަންނާން ވިދާޅުވީ، ނުކުމެ ހުންނެވީ ކަންކަން ކުރެވޭ ޕާޓީއާއެކުގައި ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ މޭޒުކައިރީގައި ތިބެފައި ގާނޫނު ލިޔެފައި ބޮޑުއަކުރުން ފަވާކަށް ނޫން، އަޅުގަނޑުމެން މި ނުކުތީ ކަންކަންކުރަން، ކަންކަން ކުރަންކެރޭ މީހުންނާއެކީގައި މިނުކުތީ، އައިސް މިތިބީ ޕޯޑިއަމްގައި ޑްރާމާކުޅެ، ލަވަކިޔާ ޑާންސްކުޅޭކަށް ނޫން، އަޅުގަނޑުމެން ކުރާނީ ކަންކަން" ހަންނާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގޮނޑިއަށް ވާދަކުރަށްވަން ނިންމެވުމަށްފަހު އެންމެ ފުރަތަމަ ދިޔައީ ދާއިރާގެ ރަށްރަށުގެ ގޭގެއަށް ކަމަށެވެ.
"ކޮމަންޑޫ، ފޯކައިދޫ، މަރޮށީ ގޭގެއަށް އެންމެ ފުރަތަމަ ދިޔައީ އަޅުގަނޑުމެން، އަޅުގަނޑުމެން ދެ ފަހަރު ދިޔަފަހުން ތިކިޔާ ބޮޑެތި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ހޭއެރީ މިތާ ބަޔަކު ކަމެއްކުރަން އެބައުޅެޔޭ،" ހަންނާން ވިދާޅުވިއެވެ.
ދާއިރާގެ ރައްޔިތުންގެ އަޑުއަހައި، މައުލޫމާތު އެއްކުރެއްވިކަމަށާއި، އޭނާގެ މެނިފެސްޓޯ އެކުލަވާލީ ރައްޔިތުންގެ ބޭނުންތައް އެނގިހުންނަވާކަމަށް ހަންނާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގޮސް މައުލޫމާތު ހޯދާފައި، ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް ތަހައްމަލުކޮށްފައި، އަޅުގަނޑުމެން އެކުލަވާލާފައި މިއޮތީ ދާއިރާގެ ރައްޔިތުންގެ އުދާސްތައް، ކަންކުރެވޭނީ ކަންކުރެވޭ ކަންކުރަންއެނގޭ މީހުންނަށް،" ހަންނާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދާއިރާގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި، އިގްތިސާދީ އަދި މާލީ ބޮޑު ދަތިކަމެއްގައި ކަަމަށެވެ.
"ޒުވާނުންނަށް ވަޒީފާގެ ފުރުސަތެއްނެތް، އާމްދަނީ ލިބޭނެ ގޮތެއ ްނެތް، މަތީ ތައުލީމް އުނގެނެވޭނެ ގޮތެއް ނެތް، ތިބީ ނަގާ ލޯނު ނުދެއްކިފައި، އޮޑިފަހަރު ފަޅުގައި އަޅައިގެން، ފިހާރަތައް ބަންދުކޮށްގެން، ސައިކަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭކަށް ނެތް، އަޅުގަނޑުމެން ގެންގުޅޭ އުލާ ސަމުސަލާވެސް މިއޮތީ އިންސްޓޯލްމަންޓަށް ނަގާފައޭ ރައްޔިތުން ބުނަނީ، އެހެންވެއޭ މިކަން ނުކުރެވިފައި މިތިބީ، ހަންނާނު މިކަމަށް ނުކުމެގެން މިކަމަށް މަގުދައްކާފަ، ދިމާވެފައިހުރި ދަތި އުނދަގޫތަކަށް ހައްލުކޮށްދޭށޭ، އެހެންވެ މި ނުކުތީ ސިޔާސީ ޕާޓީއަކާއެކު،" ހަންނާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއް ކެންޑިޑޭޓަކު އުޅެނީ އެއްޕާޓީއަކަށް ސޮއިކޮށްފައި އަނެއް ޕާޓީއަކަށް ސޮއިކޮށްފައި އެކަހަަލަ ގޮތަަކަށް ކަމަށެވެ. އަދި ދެންހުރި ކެންޑިޑޭޓް އުޅެނީ ދިމާވެފައިހުރި މައްސަލަތައް ހުއްޓާ ވަކިވައްތަރެއްގެ ޓީސާޓެއްލައިގެން "ކޮންމެސްކަހަލަ އައުޓެއް ލައިގެން،" އެމަސައްކަތުގައި ކަމަށެވެ.
"އިހްލާސްތެރި މަސައްކަތެއް ކުރާކަމަށްވަންޏާ ކޮމަންޑޫގައި ނަޖިސް ބެރުކުރެވޭނެ ގޮތެއްނެތް. މަރޮށީގައި ނަޖިސް ބެރުކުރެވޭނެ ގޮތެއްނެތް. ފޯކައިދޫގައި ވެސްނެތް، ދެން ޓީސާޓްގައި ނަޖިސް އައުޓެއްނޫންތޯ ޖަހަންވީ، ކަމާނުގުޅޭ ކަންކަމުގެ ޓީސާޓްލައިގެން އުޅެނީ،" ހަންނާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ދާއިރާގައި ރީތި ފަޅުރަށްތައް އެބަހުރި ކަމަށެވެ. އަދި ފަހި ދިރިއުޅުމަކަށާއި، އިގްތިސާދީ އެތައް ފުރުސަތުތަކަށް ރައްޔިތުން އުންމީދު ކުރާކަމަށެވެ.
"ރަށްއެބަހުރި، ރިސޯޓް ނާންނަނީ ކީއްވެހޭ، އެއާޕޯޓް ނާންނަނީ ކީއްވެހޭ، ދަނޑުވެރިކަން ނުކުރެވެނީ ކީއްވެހޭ، އަންހެން ކަނބަލުންނަށް އާމްދަނީ ލިބޭގޮތް ނެހެދެނީ ކީއްވެހޭ، ހުރި ސުވާލުތައްމީ، ރައްޔިތުންދިން ޖަވާބުތަކަކީ ވެސް މިއީ، ސާފުކޮށްގެން މިއައީ" ހަންނާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޒުވާނުން އެދޭ ވަޒީފާގެ ފުރުޞަތާއި، މަތީ ތައުލީމާއި، ކުޅިވަރު ވަސީލަތްތަކާއި، މަސްވެރިންނާއި ދަނޑުވެރިން އެދޭ ކަންކަން ފަހިކޮށްދިނުމަށާއި، ކަނބަލުންނަށް އާމްދަނީ ލިބޭނެ މަގުކޮށައި، ދާއިރާގެ ރައްޔިތުންނަށް ފުދުންތެރިކަން ލިބޭނެ މަސައްކަތްތައް ދާއިރާއަށް ގެނެސް، އެއާޕޯޓާއި، ބޯހިޔާވަހިކަމާއި، އަސާސީ މުހުތާދުތަކާއި މިނޫންވެސް މުހިންމު އެންމެހާ ކަމަކަށް ވަކާލާތުކޮށް، އެކަންކަން ކޮށްދޭން ހެޔޮނިޔަތަކާއެކު ނުކުމެ ހުންނެވީ އޭނާ ކަމަށެވެ. އަދި ނުކުމެ ހުންނެވީ، އެކަންކަންލިޔެ، އެކަންކަން ހާސިލްކުރާނެ ގޮތުގެ ޕްލޭންހަދައިގެން، އެކަން ކުރެވޭނެ ވަރުގެ ބަޔަކާއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ކެންޑިޑޭޓް ނަމްބަރު 3 ހަންނާނަކީ ތައުލީމީ ދާއިރާގައި 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައްޔިތުންނަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. މިހާރު ވިޔަފާރީގެ ދާއިރާގައި އުޅުއްވާ ހަންނާން ނިސްބަތްވެވަޑައިގަންނަވަނީ ކޮމަންޑޫއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!