ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން، އެ ސާވިސްގެ އައްސޭރި ޖަލުގައި ގާއިމުކުރި ޖުވެނައިލް ޑިޓެންޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ.
ކަރެކްޝަނަލް ސާވިސްއިން ވިދާޅުވެފައިވާ ގޮތުގައި މި ސެންޓަރު ޤާއިމްކޮށްފައި މިވަނީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތުގެ މަތީންނެވެ.
އެގޮތުން ސެންޓަރ ހުޅުއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އައްޝެއިޚް އިމްރާން ޢަބްދުﷲއެވެ. މީގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް ޢަލީ ނަޒީރު އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޖުވެނައިލް ކޯޓުގެ އިސް ޣާޒީ އަލްއުސްތާޛް ޙަސަން ސަޢީދު އިބްރާހިމްގެ އިތުރުން ހިންމަފުށީ ކައުންސިލްގެ ރައީސް އަދި ކޮމިޝަންޑް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައި ވެއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މި ސެންޓަރު ހުޅުވިގެން ދިއުމަކީ ރާއްޖޭގައި ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުން އެޅުނު މުޙިއްމު ފިޔަވަޅެކެވެ. މީގެ އިތުރުން މިމަރުކަޒު ބަލަހައްޓާ މުވައްޒަފުންނަކީ އެހެން މީހުންނަށްވުރެ ކެތްތެރި، އިޙްސާންތެރި ބަޔަކަށްވެ، އެ ކުދިންގެ ކިބައިން ފެންނަ ނޭދޭވޭ ކަންތައްތަކުން އެ ކުދިން ސަލާމަތްކުރުމަށް މަސައްކަތްކޮށް، އެ ކުދިން މުޖްތަމަޢުއަށާއި ޢާއިލާއަށް އަނބުރާ ދެވޭނެ ބަޔަކަށް ހަދައި އެ ކުދިންނާ މުޢާމަލާތްކޮށް ރިވެތި އަޙްލާޤު ދަސްކޮށްދޭނެ ބަޔަކަށް އެފަރާތްތައް ވާން ޖެހޭނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. މި ސެންޓަރުގައި މަސައްކަތް ކުރުމަށް 16 އޮފިސަރުން ތަމްރީން ކުރެވިފައި ވާއިރު ވަގުތީ ގޮތުން ޑިއުޓީ ކުރަނީ މިވަގުތު 7 އޮފިސަރުންނެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ކޮމިޝަނަރގެ ވާހަކަފުޅުގައި އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކޮށްފައި އޮތް ވަރަށް މުޙިއްމުކަމެއްގެ ފެށުމެވެ. އަދި ކުޑަކުދިންގެ ޤާނޫނަށް ނަޒަރު ހިންގާލާއިރު ޖަލުތަކާއި ޕެރޯލް ޤާނޫނުން އެމްސީއެސްއަށް ލާޒިމްކުރާ ކަންކަމުގެ އިތުރުން މުޅިން އެހެން ނިޒާމެއްގެ ތެރެއިން ކުޑަކުދިންނާ މެދު ޢަމަލުކުރެވޭނީ އެ ކުދިންގެ އެންމެ “ބެސްޓް އިންޓްރަސްޓްސް” އޭގެ ތެރޭގައި ހިމެނިގެންކަން ބަޔާންކޮށް ޚާއްސަ އިޖުރާއަތެއް ލިޔެވި، ކުޑަކުދިންނަށް ޚާއްސަ މަރުކަޒެއް ޤާއިމުކުރެވިގެންދާކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޝަނަރ ވަނީ އައްސޭރި ޖަލުގެ ހީވާގި އޮފިސަރުންނަށާއި ޤައިދީންނާއި އެމްސީއެސްގެ ކުރީގެ ބައެއް މުވައްޒަފުންނާއި ކޮމިޝަނަރުންގެއިތުރުން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީއަށާއި ޔުނިސެފް މޯލްޑިވްސްއިން ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވާ އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މީގެ ކުރިން ޖަލުގައި ތިބި ކުދިންނަށް ތަޢުލީމީ އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ހިންމަފުށީ ސްކޫލާއި ކައުންސިލަށްވެސް ކޮމިޝަނަރ ވަނީ ޝުކުރު ދަންނަވާފައެވެ.
އެމްސީއެސްގެ ބަޖެޓްއިން 3.5 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ މި މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. މި ސެންޓަރުގެ ކޮންމެ ގޮޅިއެއްގައި 02 ކުދިންގެ ޖާގަ ހުންނަ 08 ގޮޅި މި އެކުލެވިގެންވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!