ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ މާދަމާއިން ފެށިގެން ވަގުތީ ގޮތުން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ މިވަގުތު ރަންވޭއަށް ފްލައިޓުތައް ޖައްސަން ދަތިވެފައިވައި، އެއާޕޯޓު މިހާރު ރަންވޭގެ އޮފަރޭޝަންސްތައް އަވަސް ކުރުމަށް ކަމަށެވެ.
ބައިނަލްއަގުވާ މިންގަޑުތަކާ އެއްގޮތަށް މިހާަރު ވީއައިއޭގެ އާ ރަންވޭއަށް ފްލައިޓު ނުޖެއްސޭނެއެވެ. އެއީ މިހާރު ބޭނުން ކުރަމުން އަންނަ ސީޕްލޭން ޓާމިނަލް އެތަނާ މާ ކައިރީގައި ހުރުމުންނެވެ. މި ސީޕްލޭން ޓާމިނަލް އާ ޓާމިނަލަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރުގެ އައު ރަންވޭގެ ހުރި އިރު، ރަންވޭއަށް ފުރަތަމަ ޓެސްޓު ފްލައިޓު ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހެދި މި ރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ތަރައްގީ ކުރި ރަންވޭއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!