ކުޅުދުއްފުށީ ރީޖަނަލް ޕޯޓާއެކު އިތުރު ޕޯޓެއްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

IMG_20220127_144042_055

ރާއްޖޭގެ ދެ ޕޯޓެއްގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ރީޑިވެލޮޕްމެންޓް މަޝްރޫއު އާއި ގދ. ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ.

މި ދެ މަސައްކަތް ހަވާޅުކުރުމަށް އެމްޓީސީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އަދި ޗީފް އިންޖީނިއާ އާދަމް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި ނެރުބައްތި ޖެހުމާއި އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި ވޯކްޝޮޕް އިމާރާތެއް ގާއިމުކުރުމާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ވެސް ހިމެނެއެވެ.

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކޮށް، ގާޑް ހައުސް އިމާރާތަކާއި ވެއާހައުސް އަދި ވޯކްޝޮޕް އިމާރާތަކާއި ނެރުބައްތި ހަރުކުރުމާއި ފެންޑާ ހަރުކުރާނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ޕޯޓު މަސައްކަތް ނިންމުމަށް 139 މިލިއަން ރުފިޔާ އަށް ހަވާލުކުރީ 495 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. އަދި ތިނަދޫ ރީޖަނަލް ޕޯޓު 330 ދުވަސްތެރޭގައި ނިންމާގޮތަށް ހަވާޅުކުރީ 17.8 މިލިއަން ރުފިޔާ އަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *