ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ބާސާ ކާމިޔާބުކުރި އިރު، ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އަލަވޭސްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗު ބާސާއިން ކޮންޓްރޯލް ކުރި ނަމަވެސް ލަނޑު ޖަހާނެ ފުރުޞަތު ތަނަވަސް ކުރުމުގައި ބާސާއަށް މި މެޗުގައި ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. މި މެޗުގައި އަލަވޭސްއިން ވަނީ ކައުންޓަ އެޓޭކްގައި ބާސާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެ ޓީމްގެ ޕެރޭ ޕޮންސްއާއި ޖޯސެލޫއަށް ލިބުނު ފުރުޞަތު ފާހަގަ ކޮށްލެވެއެވެ.
މި މެޗުގައި ބާސާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ފެރާން ޓޯރޭސް އަލަވޭސްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޑި ޔޮންއެވެ.
އާދީއްތަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި އެލްޗޭއާއި ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.
މުޅި މެޗުގައި ވެސް ރެއާލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ އެލްޗޭގެ ގޯލަށް ޖުމްލަ ނަވާރަ ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާތައް ހުއްޓުވުމުގައި އެލްޗޭގެ ކީޕަރު އެޑްގާ ބާޑިއާގެ ހުޝިޔާރުކަން ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ބެންޒެމާ ފޮނުވާލިއިރު އެ ބޯޅަ ގޮސްފައި ވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އެލްޗޭއިން ވަނީ ލަނޑުޖަހައި ލީޑު ހޯދާފައެވެ. މި ލަނޑު 42 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ތަނަވަސްވި ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލޫކަސް ބޯޔޭއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ރެއާލުން ނަތީޖާ ހަމަހަމަ ކުރުމަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، ރެއާލަށް ލަނޑެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް އެލްޗޭއިން ވަނީ ދެވަނަ ލަނޑު ޖަހައި ރެއާލް ޕްރެޝަރަށް ވައްޓާލާފައެވެ. މި ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޕެރޭ މިއްލާއެވެ.
މެޗުގެ ނަތީޖާ ރެއާލުން ހަމަހަމަ ކޮށްފައި ވަނ މެޗުގެ ފަހު އަށްވަރަކަށް މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ލަނޑު ތަކުންނެވެ. ރެއާލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މޮޑްރިޗް ކާމިޔާބު ކޮށްދިންއިރު، ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ މިލިއާޓޯއެވެ.
މި ނަތީޖާއާއިއެކު ރެއާލް މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 22 މެޗުން ލިބުނ 50 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ސެވިއްޔާ އޮތީ 22 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މޮޅާއިއެކު ބާސާ ވަނީ ތާވަލުގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައި ވަނީ 21 މެޗުން 35 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!