މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ 41 އަހަރުގެ ދިގު ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަަކަށް މިދިޔަ އަަހަރު ވެއްޖެއެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް 1.96 ބިިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 264.45 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ. 2020 ވަނަ އަހަރު 1.36 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އެ ކިންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 220.75 މިލިއަން ރުފިޔާއެވެ.

Ad
rt

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 625.70 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން ސާފު ފައިދާގެ ގޮތުގައި 52.27 މިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ކުރީ އަހަރުގެ އެމުއްދަތުގައި 408.76 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 80.94 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، 103 މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރު ތެރޭގައި 10 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާއިރު އަށް ޕްރޮޖެކްޓެއްގެ މަސައްކަތް ވަނީ ފަށައިފައެވެ. އިތުރު 18 މަޝްރޫއެއްގެ މަސައްކަތް އެކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް ކުންފުނިން އެކުލަވައިލައި، ހާލަތު ބަދަދަލުވަމުން އަންނަ މިންވަރަށް ރިއާޔަތްކޮށް މުރާޖައާކުރަމުން އަންނަ ކަމަށެވެ. ވިޔަފާރިތަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް، ވިޔަފާރި ކުރިއަރުވައި، ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށް ހިކުމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި އޭގެ ނަތީޖާ ހާސިލުކުރެވިފައިވާކަމުގެ އުފާވެރި ހަބަރު ކުންފުނީގެ ހިއްސާދާރުންނަށް ދޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.