އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބުކުރި އިރު، އާސެނަލްއާއި ބާންލީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ވިދިވިގެން ބާރަ މެޗުން މޮޅުވުމަށް ފަހު ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީ ވަނީ ސައުތެމްޓަންއާއި އެއްވަރުވެ ދެ ޕޮއިންޓް ގެއްލިފައެވެ. ލިވަޕޫލުން މިރޭ ޕެލަސްއާއި ދެކޮޅަށް ނުކުތްއިރު މެޗުން މޮޅުވެގެން ފަރަގު ކުޑަކުރުމުގެ ފުރުޞަތު އޮތްއިރު، އެ ޓީމުން ވަނީ އެ ފުރުޞަތުގެ ބޭނުން ވަރަށް ފުރިހަމައަށް ހިފާފައެވެ.

Ad
rt

ސިޓީން މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ 23 މެޗުން ލިބުނު 57 ޕޮއިންޓާއި އެކުގައެވެ. މިރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލިވަޕޫލް އޮތީ ދެވަނާގައި ސިޓީއަށް ވުރެ އެއްމެޗު މަދުންކުޅެ ނުވަ ޕޮއިންޓްގެ ފަހަތުގައެވެ. މެޗު ހަމަވާއިރު ފަރަގު ހަ ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ.

ލިވަޕޫލުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. މި ލަނޑު 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވެން ޑައިކެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ރޮބާޓްޝަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ރޮބާޓްޝަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އޮކްސްލޭޑް ޗެމްބަލިންއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕެލަސް އިން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 55 ވަނަ މިނެޓުގައި މަޓޭޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެޑުއާރޑްއެވެ. ލިވަޕޫލުން މެޗުގެ ތިންވަނަ ލަނޑު މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ފަބީނިއޯއެވެ.

އާދީއްތަ ދުވަހުގެ ރޭ އާސެނަލްއާއި ބާންލީ ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.

މި މެޗުގައި އާސެނަލުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ލަނޑެއް ޖެހުމުގައި އެ ޓީމަށް ވަނީ ނާކާމިޔާބު ވެފައެވެ. މެޗުން މޮޅުވެގެން ތާވަލުގެ ފަސްވަނައަށް ޖެހިލުމުގެ ފުރުޞަތު އެ ޓީމަށް އޮތެވެ. ނަމަވެސް މި މެޗުން ޕޮއިންޓަކުން ފުއްދާލަން ޖެހުމުން މިވަގުތު އެ ޓީމް އޮތީ ކުޅުނު 21 މެޗުން ލިބުނު 36 ޕޮއިންޓާއިއެކު ތާވަލުގެ ހަ ވަނާގައެވެ. ފަސްވަނާގައި މިވަގުތު އޮތީ ވެސްޓް ހޭމްއެވެ. އެ ޓީމަށް 23 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ. އާސެނަލް އަތުން ޕޮއިންޓެއް ހޯދި ބާންލީ މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.