އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހޭމް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ޔުނައިޓެޑް ޖެހިލައިފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނިފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ހޯދިފައި ނުވާއިރު، ޔުނައިޓެޑަށް ވެސްޓް ހޭމްގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ.

Ad
rt

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ވެސްޓް ހޭމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މި ގޮތުން އެ ޓީމްގެ ބްރެޒިލް މިޑްފީލްޑަރ ފްރެޑަށް ވަނީ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ފްރެޑް ވެސްޓް ހޭމްގެ އޭރިޔާތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާ ވެސްޓް ހޭމްގެ ކީޕަރު އަރިއޯލާ ވަނީ މަތަކޮށްފައެވެ.

މި މެޗުގައި ފަހު ފަސްމިނެޓްގެ ތެރޭ ވެސްޓް ހޭމްގެ މިޑްފީލްޑަރ ސޮއުޗެކަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބިފައެވެ. ކޯނަރަކުން ޔުނައިޓެޑްގެ އޭރިއާތެރެއަށް ހުރަސްވީ ބޯޅަ ހުސްކޮށް ހުރެ ޔުނައިޓެޑްގެ ގޯލަށް ފޮނުވާލުމުގެ ފުރުޞަތު އޭނާއަށް ލިބުނުއިރު އޭނާ ބޮލުން ފޮނުވާލި ހަމަލާ ގޮސްފައި ވަނީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތިން މިނެޓުގެ ވެސް ފަހުވަގުތުގައި ކަވާނީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މާކޮސް ރަޝްފޯޑެވެ. މި މެޗުގައި ރަޝްފޯޑް ކުޅެން ނުކުމެފައި ވަނީ 62 ވަނަ މިނެޓުގައި އެ ޓީމްގެ ފޯވާޑް އެލަންގާގެ ބަދަލުގައެވެ.

ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، އެސްޓަންވިލާ ވަނީ 1-0 ގެ ނަތީޖާއިން އެވަޓަން ބަލިކޮށްފައެވެ. ލީޑްސް ޔުނައިޓެޑް އަތުން 1-0 ނަތީޖާއިން ނިއުކާސަލް މޮޅުވިއިރު، ވުލްވްސް ވަނީ 2-1 ގެ ނަތީޖާއިން ބްރެންޓްފޯޑް ބަލިކޮށްފައެވެ.

މި މެޗުން މޮޅުވުމާއިއެކު ޔުނައިޓެޑް ވަނީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައި ވަނީ 22 މެޗުން 38 ޕޮއިންޓެވެ. މި މެޗުން ބަލިވި ވެސްޓް ހޭމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ފަސް ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 23 މެޗުން 37 ޕޮއިންޓެވެ.