އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމާއި ގުޅިގެން އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ހާއްސަ އިލްތިމާސެއް ކުރަށްވައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރަށްވާ ޝާހިދު ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން، އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ދޭ އަހައްމިއްޔަތުކަން ދައްކާދިނުމަށާއި، މި ޓްރޫސްގެ މައްޗަށް ބިނާކޮށް ޞުލްޙައާއި އަމާންކަމުގެ ޘަޤާފަތެއް ކުރިއެރުވުމަށާއި، އަދި އެ ޘަޤާފަތް އިތުރަށް ހަރުދަނާ ކުރުމަށް، ޤައުމީ، ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މެމްބަރު ޤައުމުތަކަށް އެދި އިލްތިމާސް ކުރަށްވާ ކަމަށެވެ.
ގަދީމީ ޒަމާނުގައި އަސްލު އޮލިމްޕިކް އެއްބަސްވުމުގައި ހިމެނިފައިވާ ކަންކަމަށް ރިޢާޔަތްކޮށް ފާސްކޮށްފައިވާ ސުލްހައިގެ ޤަރާރު 13/76 ގައި ބަޔާންކޮށްފައިވާ ފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާއި އެކު މިހާރު ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުންވެސް އޮލިމްޕިކް ޓްރޫސްގައި ވާ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށާއި، ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ޝާހިދުގެ އިލްތިމާސްގައި އެދިވަޑައިގެންފައި ވެއެވެ.
މި އިލްތިމާސާއެކު ޝާހިދު ފާހަގަކުރަށްވާފައިވާ ކަންކަން:
"އޮލިމްޕިކް ޓްރޫސް ނުވަތަ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަކީ އޮލިމްޕިކް ގޭމްސްއާއި ގުޅިގެން 18 ވަނަ ބީސީގައި ގަދީމީ ގްރީކްގައި ތަޢާރަފު ކުރެވުނު އޮލިމްޕިކް ގޭމްސްގެ މުހިންމު އަސާސެކެވެ. 1992 ގައި ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީއިން މި އާދަ އަލުން ދިރުވުމަށްޓަކައި، ގަދީމީ ދުވަސްވަރުހެން، މިހާރުގެ އޮލިމްޕިކްގެ ދުވަސްވަރުގައިވެސް އޮލިމްޕިކް ސުލްހައިގެ އެއްބަސްވުން ޤާއިމުކުރުމަށް ގޮވާލަން ނިންމިއެވެ. މި އެއްބަސްވުމުގައި ގޮވާލަނީ އޮލިމްޕިކް ގޭމްސް ނިމެންދެން ހަނގުރާމަ އަދި ހަމަނުޖެހުންތަކުން ބަރީއަވެ ތިބުމަށެވެ. މިގޮތުން އޮލިމްޕިކް ގޭމްސް ފެށުމަށް 7 ދުވަހަށް ވުމުން، އަދި ކުޅިވަރުތައް ނިމިގެން 7 ދުވަސް ވަންދެން އެއްވެސް ހަނގުރާމައެއް ނުކުރުމަށް އދގެ ގަރާރަކުން 1993 ގައި ފާސްވިއެވެ.
2005 ވަނަ އަހަރުގެ ވާރލްޑް ސަމިޓް އައުޓްކަމްގައި، ކުޅިވަރުގެ ޒަރިއްޔާއިން ހަމަޖެހުމާއި ތަރައްޤީ ގެނެވޭނޭ ކަމަށް ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ފާހަގަ ކުރިއެވެ. އަދި އެކްޝަން ޕްލޭނެއް ހަދައި އާންމު މަޖިލީހުގައި މިކަމާއި ގުޅޭ އިތުރު މަސައްކަތް ކުރުމަށްވެސް ނިންމިއެވެ. މިގޮތުން 3 ނޮވެމްބަރ 2005ގައި އޮލިމްޕިކް ކުޅިވަރުތައް މެދުވެރިކޮށް ރައްކާތެރި އަމާން ދުނިޔެއެއް ބިނާކުރުމުގެ ނަމުގައި ޤަރާރެއް ފާސްކުރެވުނެވެ. އަދި ކޮންމެ ދެއަހަރަކުން އެއް އަހަރު ކޮންމެ އޮލިމްޕިކް ގޭމްސްއެއް ފެށުމުގެ ކުރިން މި ޤަރާރު އާކުރުމަށް ހަމަޖެހުނެވެ.
ކުޅިވަރަކީ ދެމެހެއްޓެނެވި ތަރައްޤީ އަށް މަގުފަހިކޮށްދޭ ކަމެއްކަމަށް، ދެމެހެއްޓެނެވި ތަރައްޤީގެ އެޖެންޑާ 2030 އިން ވަނީ ފާހަގަ ކޮށްފައެވެ. އަދި އަމާންކަމާއި ތަރައްޤީ ހާސިލް ކުރުމުގައި ކުޅިވަރުގެ ދައުރު އިތުވެފައިވާ މިންވަރު ހާމަކުރަމުން ކުޅިވަރުން ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށާއި، އަދި ވަކިވަކި ފަރުދުންނަށާއި، މުޖުތަމާއަށާއި، ސިއްޙަތާއި ތައުލީމަށް، އަދި އިޖްތިމާއީ ބައިވެރިވުން ފުޅާވުމުގައި ކުޅިވަރުގެ ދައުރު އިތުރުވެފައިވާ މިންވަރު ވަނީ ފާހަގަ ކޮށްފައެވެ.
އެހެންކަމުން 2 ޑިސެމްބަރ 2021 ގައި އދ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށް، އދ މެމްބަރު ހުރިހާ ޤައުމުތަކުން އޮލިމްޕިކް ސުލްހައިގެ އެއްބަސްވުގައި ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިފަހަރު ބެއިޖީންގައި ބާއްވާ އޮލިމްޕިކް ގޭމްސް ފެށެން 7 ދުވަހުގެ ކުރިން ހުރިހާ ހަނގުރާމައެއް ހުއްޓާލައި، އަދި ކުޅިވަރުތައް ނިމި ހަފްތާއެއް ވަންދެން ދުނިޔޭގެ އެއްވެސް ޤައުމަކުން ހަނގުރާމައެއް ނުކުރުމަށް އެދި ވަނީ މެމްބަރު ޤައުމުތަކުން ގަރާރު ފާސްކޮށްފައެވެ.
އޮލިމްޕިކް ހަރަކާތުން ކުޅިވަރުގެ ރަނގަޅު ސިފަތައް އިންސާނިއްޔަތަށް ފޯރުކޮށްދެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅިވަރުކުޅޭ އެކި ފަރާތްތައް އެއްތަނަކަށް އެއްވެ، ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، އަމާން ދުނިޔެއެއް ޤާއިމު ކުރުމަށް އެހީވެދެއެވެ. މިފަދަ ކަންކަމަކީ އދ. އުފެދުމުގެ މަޤްސަދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަންކަމެވެ.
އދ. އާއި އޮލިމްޕިކް ގޭމްސްގައި ހުރި އެއްގޮތް މަގްސަދުތައް ހާމަކުރުމުގެ ގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ވަނީ އޮލިމްޕިކް ސްޓޭޑިއަމް އާއި އޮލިމްޕިކް ވިލެޖްތަކުގައި އދ.ގެ ދިދަ ވިހުރުވާލަން ނިންމާފަ އެވެ. އ.ދ.ގެ ނިޒާމާއި، އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ ގުޅިގެން، އިންސާނީ ތަރައްޤީއާއި، ފަޤީރުކަން ނައްތާލުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ޞިއްޙީ ދާއިރާ ކުރިއެރުވުމާއި، އެޗް.އައި.ވީ އަދި އެއިޑްސް ބަލިން ރައްކާތެރިވުމާއި، ޗައިލްޑް އެންޑް ޔޫތު އެޑިޔުކޭޝަނާއި، ޖެންޑަރ އީކުއަލިޓީއާއި، ޞުލްޙަ ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއި، އެއްބާރުލުން އިތުރުކުރުމަށް ވަނީ ނިއްމާފައެވެ."
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ޝާހިދު އިތުރަށް ވިދާޅުވެފައި ވަނީ، ކުޅިވަރާއި އޮލިމްޕިކްގެ ޒަރީޢާއިން ޞުލްޙައާއި އިންސާނުންގެ ވިސްނުމާއި ފިކުރު ކުރިއެރުވުމަށް އޮލިމްޕިކް އަދި ޕެރަލިމްޕިކް އެތުލީޓުން ގެ ލީޑަރޝިޕުން ކުރާ މަސައްކަތަށް އޭނާ މަރުޙަބާ ކިޔާ ކަމަށެވެ. އަދި ޞުލްޙައާއި ހަމަނުޖެހުން ޙައްލުކުރުމަށާއި، ކުޅިވަރުގެ ޒަރީޢާއިން އޮލިމްޕިކް އަދި ޕެރަލިމްޕިކް ވެލިއުސް ކުރިއެރުވުމަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ޕްރޮގްރާމްތައް އެކުލަވާލުމަށް އ.ދ.ގެ އެކި ޤައުމުތަކުން ދެއްވާ އަހަންމިއްޔަތަށްވެސް މަރުޙަބާ ކިޔާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!