ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ޓީޗަރުން ކިޔަވައިދޭއިރު އެއީ ކޮން ބައެއްކަމެއް ނޭނގޭ ކަމަށާއި ކިޔަވައިދޭ ވަގުތުތަކުގައި ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާން ޖެހޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފި އެވެ.
އެޕާޓީން މިގޮތަށް ބުނެފައިވަނީ "ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅާ އެޅުމާމެދު" އެމް.ޑީ.ޕީ. އިން ނެރުނު ނޫސްބަޔާންނެއްގަ އެވެ.
އެ ނޫސްަޔާނުގައި ބުނެފައިވަނީ، ދިވެހި މުޖުތަމަޢުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ގިނަ ބަޔަކީ، އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލައްވާއިރު އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި ނުވަތަ އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަށް ބޭނުންވާ ބައެއްކަމަށެވެ.
އަދި ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ، މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މި މިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަވަމުން ގެންގޮސްފައިވެއެވެ.
"ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަޙަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ޚާއްޞަ ތަންތަންކަމަށް ވާއިރު، ކިޔަވާދެއްވުމަށް ދަރިވަރުންނާ ބައްދަލުކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަޤީންވާންޖެހޭނެ"
އެ ޕާރޓީން ދެކޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މިކަމުގައި މި މޭރުމުން ވާހަކައެއް ދައްކާ މީހަކީ ވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު އެ ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމަށާއި އަދި މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކޮށްފައިވެއެވެ،
އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެ ޕާރޓީން ގޮވާލާގޮވާލުން ތަކުރާރުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!