އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރުވެ ވެއްޖެއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުޞަތު ޗެލްސީއަށް އޮތެވެ. ނަމަވެސް މެޗު އެއްވަރު ވުމާއިއެކު ކުޅުނު 23 މެޗުން ލިބުނު 44 ޕޮއިންޓާއިއެކު ޗެލްސީ މިވަގުތު އޮތީ ތިންވަނާގައެވެ. ދެވަނާގައި 21 މެޗުން ލިބުނު 45 ޕޮއިންޓާއިއެކު ލިވަޕޫލް އޮތްއިރު އެއްވަނާގައި ސިޓީ އޮތީ ކުޅުނު 22 މެޗުން ލިބުނު 56 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި އޮތް ޗެލްސީއާއި ސިޓީއާއި ދެމެދު މިހާރު 12 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

Ad
rt

ފަހަކަށް އައިސް ބްރައިޓަންގެ ފޯމް ރަނގަޅުވެފައިވާއިރު އެ ޓީމުން ހުރިހާ މުބާރާތެއް އެއްކޮށް އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ބަލިވެފައި ނުވެއެވެ. މިވަގުތު އެ ޓީމް ޕޮއިންޓް ތާވަލުގެ ނުވަވަނާގައި އޮތީ ކުޅުނު 21 މެޗުން ލިބުނ 29 ޕޮއިންޓާއި އެކުގައެވެ.

މި މެޗުގައި ޗެލްސީގެ ފަރާތުން ފެނިފައި ވަނީ އާދައިގެ ކުޅުމެކެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދާފައި ވަނީ ޗެލްސީންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި ކަންޓޭ ދިން ބޯޅައަކުން މި ލަނޑު ބްރައިޓަންގެ އޭރިޔާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޒިޔެޗެވެ.

ބްރައިޓަންއިން ކާމިޔާބުކުރި ލަނޑުމެޗުގެ 60 ވަނަ މިނެޓުގައި، އެ ޓީމަށް ލިބުނު ކޯނަރަކުން ތަނަވަސްވި ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިފެންޑަރ އެޑަމް ވެބްސްޓާއެވެ.

ބްރައިޓަންއިން ނަތީޖާ ހަމަހަމަ ކުރުމާއިއެކު ޗެލްސީން ވަނީ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މެޗުގެ ފަހުބައިގައި އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުން ވަނީ ފޯވާޑް ކައި ހަވާޓްޒްއާއި ޓިމޯ ވާނާގެ އިތުރުން ކޮވެސިޗް ވެސް ކުޅެން އަރުވާފައެވެ. ނަމަވެސް ބްރައިޓަންއިން ވަނީ ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓާފައެވެ.