ދުނިޔޭގައި ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލެން ފަށައިފިއެވެ.

ތެލުގެ އަގު އިއްޔެ ވަނީ ފީފާއެއް 86.71 ޑޮލަރަށް އަރައިފައެވެ. މިއީ ފާއިތުވި ހަތް އަހަރުތެރޭ ތެލުގެ އަގު އެންމެ ބޮޑުވި ފަހަރެވެ. މިއަހަރުގެ މިހާތަނަށް ވެސް ތެލުގެ އަގު ވަނީ 10 އިންސައްތަ އިތުރުވެފައެވެ.

Ad
rt

އެންމެ ފަހުން ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލުނީ 2014 ވަނަ އަހަރުއެވެ. އެއީ ފީފާއެއް 115 ޑޮލަރަށެވެ. އޭގެ ފަހުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެއީ ފީފާއެއް 85 ޑޮލަރެވެ.

ތެލުގެ އަގަށް އަންނަ ބަދަލުތައް ދިރާސާ ކުރާ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފީފާއެއްގެ އަގު 100 ޑޮލަރަށް އުފުލޭނެއެވެ.

ތެލުގެ އަގު އުފުލެމުންދަނީ ދުނިޔޭގެ އިގްތިސާދު ރަނގަޅުވާން ފެށުމުން ކުއްލިއަކަށް ތެލަށް އޮތް ޑިމާންޑް އިތުރުވުމުންނެވެ. މިކަމަށް ހައްލު ހޯދަން މިދިޔަ ހަފްތާގައި އޮޕެކް އިން ވަނީ ދުވާލަކު އިތުރު ހަތަރު ލައްކަ ތެޔޮ ފީފާ އުފައްދަން ނިންމައިފައެވެ.