ވިހި އަހަރުގެ ޚިދުމަތަށްފަހު އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން، އިސްމާއިލް ނާޝިދު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

ނާޝިދު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ކަސްޓަމްސްއިން ފާހަގަކުރައްވާފައި ގޮތުގައި ޝަރަފްވެރިކަމާއެކު ނާޝިދު ކަސްޓަމްސްއިން ރިޓަޔަރ ކުރެއްވީ އަގު ނުކުރެވޭފަދަ ނަމޫނާ އަދި ނަޒާހަތްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހުގައެވެ.

Ad
rt

ނާޝިދު އަކީ މަސައްކަތައް ވަފާތެރި އަދި ކަސްޓަމްސްގެ މުވައްޒަފުންގެ އިޙްތިރާމް ހޯދާފައިވާ ގާބިލު ބޭފުޅެއްކަން ކަސްޓަމްސްއިން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އޭނާ މަސައްކަތުގައި ގެންގުޅުއްވާ ހަރުދަނާ އަދި ޕްރޮފެޝަނަލް އުސޫލުތަކާއިއެކު، އެ އިދާރާއަށް ކުރިއެރުމާއި ތަރައްޤީ ގެނައުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި، މިގޮތުން ކަސްޓަމްސް ދާއިރާގައި ވަރަށް ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް އޭނާ ކުރައްވާފައިވާކަން ވެސް ކަސްޓަމްސްއިން ވަނީ ފާހަގަ ކުރައްވާފައެވެ.

ފޮޓޯ: ކަސްޓަމްސް

ނާޝިދު ވަނީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ އެކްސްޕާޓް ޓްރެއިނަރއެއްގެ އިތުރުން ޓެކްނިކަލް އެންޑް އޮޕްރޭޝަނަލް އެޑްވައިޒަރ އެއްގެ ގޮތުގައި ޚިދުމަތްކުރައްވާފައެވެ. މީގެ އިތުރުން، 2015 ވަނަ އަހަރުން ފެށިގެން 2021 އަށް ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއު.ސީ.އޯ) ގެ ގިނަ އެކްސްޕާޓް މިޝަންތަކެއްގައި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރައްވާފައެވެ.

ޑަބުލިއު.ސީ.އޯގެ އިންޓެގްރިޓީ ސަބް ކޮމިޓީގެ ގެ ޗެއަރމަން ކަމަށް 2021 ވަނަ އަހަރު އިންތިޚާބުވެ، އެ ޝަރަފްވެރި މަގާމު ފުރުއްވުމަކީ ނާޝިދަށާއި ދިވެހި ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކަސްޓަމްސް އިން ވަނީ ފާހަގަ ކުރައްވާފައެވެ.

ނާޝިދު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ކަސްޓަމްސް އިން ބޭއްވި ޚާއްޞަ ހަފްލާގައި، އޭނާ ކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށް، ހަނދާނީ ފިލައެއް ވެސް ވަނީ އަރުވާފައެވެ.

ފޮޓޯ: ކަސްޓަމްސް

ނާޝިދަކީ ތަޢުލީމީ ވަރަށް ޤާބިލު ބޭފުޅެކެވެ. އޭނާ ވަނީ މެލޭޝިޔާގެ ހެލްޕް ޔުނިވާސިޓީއިން ޑިޕްލޮމާ އިން ބިޒްނަސް ސްޓަޑީޒް، އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވާސިޓީއިން ބެޗްލާސް އޮފް ކޮމާސް އަދި އޮސްޓްރޭލިއާގެ ދަ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީއިން މާސްޓާސް އޮފް ފައިނޭންޝިއަލް މެނޭޖްމަންޓް ހާސިލް ކުރަައްވާފައެވެ. މީގެއިތުރުންވެސް ތައުލީމީ ގިނަ ސަނަދުތަކެއް ހާސިލްކުރައްވާފައިވާއިރު، ކަސްޓަމްސްގެ ދާއިރާއިން ގިނަ ތަމްރީންތަކެއް ވެސް އޭނާ ވަނީ ފުރިހަމަ ކުރައްވާފައެވެ.

ކަސްޓަމްސްގެ މުވައްޒަފުން ސިފަކުރާ ގޮތުގައި ނާޝިދަކީ ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމުގެ މައި އެއް ތަނބުގެ ގޮތުގައި މިހާތަނަށް ހުންނެވި ބޭފުޅެކެވެ.