އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ލިވަޕޫލުން ޖެހިލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ ފޯވާޑް ލައިންގައި ހިމެނޭ އެންމެ މުހިންމު ދެ ކުޅުންތެން ކަމަށްވާ މިސްރުގެ މުޙައްމަދު ސަލާހާއި ސެނަގަލްގެ ސަޑިއޯ މަނޭ މިވަގުތު އެފްރިކަން ކަޕް އޮފް ނޭޝަންގައި ވާދަކުރުމަށް ޤައުމީ ޓީމާއި ގުޅިފައި ވުމުން މި މެޗަށް ވެސް ލިވަޕޫލުން ނުކުމެފައި ވަނީ އެ ދެ ކުޅުންތެރިން ނުލައެވެ.

Ad
rt

މި މެޗުގައި ލިވަޕޫލުން ލީޑު ނަގާފައި ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް އާނޯލްޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފަބީނިއޯއެވެ.

މެޗުގައި ލިވަޕޫލުން ދެވަނަ ލަނޑު 69 ވަނަ މިނެޓުގައި ރޮބާޓްސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޗެމްބަލިން ކާމިޔާބު ކޮށްދީފައިވާއިރު، މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ފިރްމީނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިނަމީނޯއެވެ.

މި ނަތީޖާއާއިއެކު ލިވަޕޫލަށް ވަނީ ކުޅުނު 21 މެޗުން 45 ޕޮއިންޓް ލިބިފައެވެ. އެއްމެޗު މަދުން ކުޅެ ލިވަޕޫލް ދެވަނާގައި އޮތްއިރު، 22 މެޗުން ލިބުނު 56 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮތީ މެންޗެސްޓާ ސިޓީއެވެ. މެޗުން ބަލިވި ބްރެންޓްފޯޑް މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 21 މެޗުން 23 ޕޮއިންޓެވެ.