ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެ ލީގުގައި 300 ލަނޑު ޖަހައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިޔުނިކާއި ކޮލޯން ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ލެވަންޑޯސްކީ ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މިއީ މި ސީޒަންގައި ޖަރުމަނު ލީގުގައި ލެވަންޑޯސްކީ ހެދި ދެވަނަ ހެޓްރިކެވެ. މި މެޗުގެ 9 ވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލެވަންޑޯސްކީ ބަޔާނަށް ލީޑު ނަގައިދީފައިވާއިރު، ދެވަނަ ލަނޑު މުލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޓޮލީސޯއެވެ. މެޗުގެ ތިންވަނ ލަނޑު 62 ވަނަ މިނެޓުގައި ސާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލެވަންޑޯސްކީ ކާމިޔާބު ކޮށްދިންއިރު، 74 ވަނަ މިނެޓުގައި ސާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލަނޑު ޖަހައި ލެވަންޑޯސްކީ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ޖަރުމަނު ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް މިވަގުތު އޮތީ ބަޔާން މިޔުނިކަށް ކުޅުނު ޖަރުމަނުގެ ލެޖެންޑް ގާޑް މުލާ އަތުގައެވެ. އޭނާ ވަނީ 365 ލަނޑު ޖަހާފައެވެ. ލެވަންޑޯސްކީ ޖަރުމަނު ލީގުގައި 300 ލަނޑު ހަމަކޮށްފައި މިވަނީ 369 މެޗުންނެވެ.
ބަޔާނުން މި މެޗުގައި ވަނީ އެ ކުލަބުގެ އިތުރު ރެކޯޑެއް ވެސް މުގުރާލާފައެވެ. 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ދޭތެރޭ ބަޔާނުން ލީގުގައި ކުޅުނު 65 މެޗުގައި ލަނޑު ޖަހައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހި ޓީމްގެ ރެކޯޑް ހަދާފައިވާއިރު، ރޭގެ މެޗުގައި ލަނޑު ޖެހުމުން އެ ޓީމަށް ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު 66 މެޗުގައި ލަނޑު ޖަހައި އެ ރެކޯޑް އައު ކުރެވިފައެވެ.
މި މޮޅާއިއެކު ބަޔާނުން އަނެއްކާ ވެސް މި ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަ ޕޮއިންޓްގެ ލީޑެއް ހޯދާފައެވެ. އެ ޓީމަށް 19 މެޗުން 46 ޕޮއިންޓް ލިބިފައވާއިރު، ދެވަނާގައި އޮތް ޑޯޓްމަންޑަށް ލިބިފައި ވަނީ 19 މެޗުން 40 ޕޮއިންޓެވެ. މެޗުން ބަލިވި ކޮލޯން މިވަގުތު އޮތީ 19 މެޗުން ލިބުނު 28 ޕޮއިންޓާއިއެކު ތާވަލުގެ އަށް ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!