ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒް ތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޕާސްޕޯޓް ދޫކުރުމަށްޓަކައި ހާއްސަ ކައުންޓަރެއް މޯލްޑިވްސް އިމިގްރޭޝަންއިން ހަމަޖައްސަވައިފިއެވެ.

އިމިގްރޭޝަން އިން މިއަދު ވިދާޅުވީ، ލޯއެންފޯސްމެންޓް ޔުނިފޯމް ބޮޑީޒްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ޕާސްޕޯޓްގެ ޚިދުމަތް ދިނުމުގައި ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

Ad
rt

އެ ދާއިރާތަކުގެ ޚިދުމަތްތެރިންނަކީ، ޑިއުޓީ ގަޑީގައި ރައްޔިތުންނާއި ގުޅުންހުރި ނާޒުކު މުހިންމު މަސައްކަތްތަކެއް ކުރެއްވުމުގައި އަވަދިނެތި އުޅުއްވާ ބޭފުޅުންނަށް ވުމުން އެފަރާތްތަކުން ޕާސްޓް ޕޯޓްގެ ޚިދުމަތް ހޯދުމުގައި ލުއިގޮތެއް ހަމަޖެއްސެވީކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އެގޮތުން އެފަރާތްތަކަށް ޕާސްޕޯޓް ދޫކުރުމަށް ވަކިން ކައުންޓަރެއް މިހާރު ހަމަޖެހިފައިވާނެ ކަމަށާއި، އޮންލައިންކޮށް ޕާސްޕޯޓް ހެއްދުމުގެ އިންތިޒާމް ކުރިއަށް ގެންދެވޭނެ ކަމަށް އިމިގްރޭޝަން އިން ވަނީ ވިދާޅުވެފައެވެ. އަދި އެއަށްފަހު ޕާސްޕޯޓު ނެންގުވުމަށް އެފަރާތެއްގެ އޮފީސް ކާޑް ހިއްޕަވައިގެން އިމިގްރޭޝަންއަށް ވަޑައިގަތުމުން ޕާސްޕޯޓް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

މިގޮތަށް ޚިދުމަތްދެވޭ ދާއިރާތަކުގެ ތެރޭގައި ބޯޑަރ ހެލްތްއާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި، ކަރެކްޝަނަލް ސާވިސަސްއާއި، މޯލްޑިވްސް ކަސްޓަމްސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި އަދި އެމްއެންޑީއެފް ހިމެނެއެވެ.