އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ދެވަނާގައި އޮތް ޗެލްސީ ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ހަވީރު ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ސިޓީން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް ޗެލްސީގެ ގޯލަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ މާ އެދެވޭ ފުރުޞަތެއް ޗެލްސީއަށް ތަނަވަސް ކުރެވިފައިނުވާއިރު، ސިޓީގެ ޖެކް ގްރީލިޝްއަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ. ޗެލްސީގެ ކޮރޭޝިއާ މިޑްފީލްޑަރ ކޮވެސިޗަށް ހެދުނު ގޯހެއްގެ ސަބަބުން ތަނަވަސްވި ފުރުޞަތެއްގައި، ގްރީލިޝް ޗެލްސީގެ އޭރިއާތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ކެޕާ ވަނީ ދިފާއު ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ފޯވާޑް ލުކާކޫއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ލުކާކޫ ހުހަށްހުރެ ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރ އެޑާސަން ވަނީ މަތަކޮށްފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 70 ވަނަ މިނޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކެވިން ޑިބްރޭނާއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޗެލްސީގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މި މޮޅާއިއެކު ސިޓީއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 13 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 22 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ޗެލްސީއަށް ލިބިފައި ވަނީ 22 މެޗުން 43 ޕޮއިންޓެވެ. ތިންވަނާގައި އޮތް ލިވްޕޫލަށް ކުޅުނު 20 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ. ލިވަޕޫލް ދެ މެޗު މަދުން ކުޅެފައިވާއިރު، ލިވަޕޫލުން އެ ދެ މެޗުން މޮޅުވެއްޖެނަމަ ސިޓީގެ ލީޑު އަށް ޕޮއިންޓަށް ކުޑަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!