ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) އިން ރާއްޖޭގައި ހުންނަ ޕާކިސްތާނު އެންބަސީއާއި މަޝްވަރާކޮށްފި އެވެ.
މިމަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ޕާކިސްތާނު އެންބަސީގައި ކަމަށް އެމްއެމްސީއިން ބުނެ އެވެ. މިއީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށާއި ނޫސްވެރިންނަށް ފުރުޞަތުތަކެއް ހޯދައިދިނުމަށް އެކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުމު ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ޕާކިސްތާނުގެ ތަޢުލީމީ ޚިދުމަތްދޭ މުއައްސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް އެމްއެމްސީ އާއި ޕާކިސްތާނު އެންބަސީއާއިއެކު މަޝްވަރާކޮށްފައިވެއެވެ.
މި މަޝްވަރާތަކުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލްގެ ރައީސް އަލްފާޟިލް ސަހުބާން ފަހުމީ، ކައުންސިލް ގެ ނައިބް ރައީސް ހުސެއިން ޘަޤީފް، ކައުންސިލްގެ މެންބަރު އަލްފާޟިލް އަލީ ހުސެއިން، ކައުންސިލް މެންބަރު އަލްއުސްތާޛު އިބްރާހިމް ފައުޒީ، އަދި ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރެވެ. ޕާކިސްތާނު އެންބަސީގެ ފަރާތުން ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) އާތާރ މުހުތާރުގެ އިތުރުން ޕާކިސްތާނު އެންބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދު ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ޕާކިސްތާންއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޕާކިސްތާންގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އޮންލައިންކޮށް މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށެވެ. މީގެ އިތުރުން، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރަމްތަކެއް ނޫސްވެރިންނަށް ހޯދައި ދިނުމަށްވެސް މަޝްވަރާ ކުރެވުނުކަމަށް އެމްއެމްސީއިން ބުނެއެވެ.
MMC meets with HE Vice Admiral (R) Ather Mukhtar, Ambassador of Pakistan, to discuss opportunities for Maldivian journalist capacity development with the help of the Pakistan government. @MDVinPakistan pic.twitter.com/OdcNOcmh2a
— Maldives Media Council (@mmc_mv) January 13, 2022
ދިވެހިރާއްޖޭގައި ހުންނަވާ ޕާކިސްތާންގެ އެންބެސެޑަރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) އާތާރ މުހުތާރު ވަނީ ދިވެހި ނޫސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެކައުންސިލަށް ދެއްވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި ޕާކިސްތާންގެ ޕްރެސް ކައުންސިލްއާއި އެކު ގުޅުން ބަދަހިކޮށް މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް ޕާކިސްތާންގެ އެންބެސެޑަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!