އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ ކަމެއް ކޮށްގެންނުވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީން މިހެން ބުނީ އެ ކޮމިޝަނުން އިއްޔެ އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައެވެ.
އީސީން ބުނީ އަންނަ ފެބްރުއަރީ 05 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންސްތަކުގެ ކެމްޕޭން ޙަރަކާތްތައް އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި ޤަވާޢިދުގެ ތެރެއިން، ސުލޫކީ މިންގަނޑާ ޚިލާފު ނުވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކެމްޕޭނު ޙަރަކާތްތައް ހިންގުމުގައި އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ އެއްވެސް ކެންޑިޑޭޓެއް ތަމްސީލުކުރާ ފަރާތަކުން
އަނެއް ކެންޑިޑޭޓުގެ އިންތިޚާބީ ޙައްގަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއްކަމަށް ހަނދާންކޮށްދެމުން އީސީން ބުނީ، މިފަހަކަށް އައިސް ކެމްޕޭނު ޙަރަކާތައް ހިންގުމުގައި އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރަފާނެ ފަދަ ކަންކަން ކުރަމުންދާ
ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ނުރަސްމީކޮށް ލިބެމުން އަންނަކަމަށެވެ.
ކޮންމެ އިންތިޚާބަކާ ގުޅިގެން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރެވެމުން ދާކަމަށާއި، މިގޮތުން އަންނަ ފެބްރުއަރީ 05 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންސްތަކާ ގުޅިގެންވެސް ޝަކުވާ ހުށަހަޅާނެ ނިޒާމެއް ޤާއިމުކޮށް، 2021 ޑިސެންބަރ 16 ވަނަ ދުވަހު ވަނީ އިއުލާނު ކުރެވިފައިކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
"ކެމްޕޭން ޙަރަކާތްތައް ހިންގުމުގައި އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ ކަމެއް ނުކުރުމަށް
އިލެކްޝަންސް ކޮމިޝަނުން ހުރިހާ ސިޔާސީ ޕާޓީތަކަށާއި ހުރިހާ ކެންޑިޑޭޓުންނަށާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ
ފަރާތްތަކަށް އަންގަމެވެ." އީސީގެ ބަޔާނުގައި ބުނެފަވެއެވެ.
އިންތިޚާބާގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަމަށް ކަނޑައެޅިފައިވާ ފޯމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ވެސް އީސީން ވަނީ އެދިފައެވެ.
އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑީގެ ބައި އިލެކްޝަންގެ އިތުރުން ބައެއް ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަން ބާއްވާން އީސީން ވަނީ ތާވަލު ކޮށްފައެވެ.
މީގެތެރެއިން ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑީގެ ބައި އިލެކްޝަންގެ ކެމްޕޭންގައި ވަނީ ވަރަށް ފޯރިހިފާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!