އަލަށް ފަށާ 23 ވިޔަފާރިއަކަށް 12.4 މިލިއަން ރުފިޔާ ހިލޭ އެހީ ދީފި އެވެ.

މި ހިލޭ އެހީ ދީފައިވަނީ، ޒުވާނުން ވިޔަފާރިގެ ދާއިރާ އަށް ނެރުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި މުބާރާތެއް ކާމިޔާބު ކުރި 23 ވިޔަފާރިއަކަށެވެ. މިވިޔަފާރި ތަކުގައި ޝާމިލްވަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ 46 ޒުވާނުން ނެވެ.

Ad
rt

މި އާ ވިޔަފާރިތަކަށް ފައިސާގެ އެހީ ދީފައި ވަނީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިރަސްމިއްޔާތުގައި މުބާރާތް ކާމިޔާބު ކުރި ޒުވާނުންނަށް އެވޯޑް ހަވާލުކޮށްފައިވެއެވެ. އެވޯޑު ދިނުމުގައި ޕެނަލް އެކުލަވާލާފައިވަނީ ބައިނަލްއަގުވާމީ ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް އެކުލަވާލި ޕެނަލަކުން ނެވެ.

މި 23 ވިޔަފާރީގެ ތެރޭގައި ހިމެނެނީ؛ ދަނޑުވެރިކަމުގެ ދާއިރާއިން 11 ވިޔަފާރިއަކާއި އިންފޮމޭޝަން އާއި ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން 5 ވިޔަފާރިއަކާއި ފަތުރުވެރިކަމުގެ ދާއިރާއިން 6 ވިޔަފާރިއެއް އަދި ފަތުރުވެރިކަމާއި ގުޅުންހުރި އުމްރާނީ މަސައްކަތުގެ ދާއިރާއިން ވިޔަފާރި އެކެވެ.

މިއީ ޒުވާނުން ވިޔަފާރިގެ ދާއިރާ އަށް ނެރުމަށް ވޯލްޑް ބޭންކުގެ އެހީގައި ހަޔަ އެޑިއުކޭޝަން އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި "ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަޝިޕް ޗެލެންޖު" ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި 300 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވި އެވެ. 192 ވިޔަފާރިގެ ހިޔާލު ލިބިފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ.

މި "ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަޝިޕް ޗެލެންޖަ" އަކީ ޒުވާނުންނަށް ޚާއްސަކޮށްގެން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާ އާއި ވިޔަފާރިގެ ހުނަރުތައް ދަސްކޮށްދީ، ވަޒީފާ އާއި އާމްދަނީގެ މަގުތައް ފަހިކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެހީގައި ސަރުކާރުން ހިންގާ މީރީ ޕްރޮޖެކްޓުގެ މައިގަނޑު އެއް ހަރަކާތެވެ.