ކޯވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އެ ގައުމަށް އެތެރެވާ މީހުން ހަތް ދުވަހަށް ކަރަންޓީން ވާން ޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވިގޮތުގައި މި ނިންމުމަށް އަމަލުކުރަން ފަށާނީ، މި މަހުގެ 11 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެދުވަހުގެ އިންޑިއާ ގަޑިން 00:01 ން ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތައް 7 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާންޖެހޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަ ކުރަށްވާފައެވެ.

Ad
rt

އިންޑިއާއަށް ދަތުރުކުރާ ފަރާތްތައް އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ކޯވިޑް-19 ޕީސީއާރު ނެގެޓިވް ޓެސްޓް ނަތީޖާ ހުށަހަޅަން ޖެހެއެވެ. އަދި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މަޢުލޫމާތު ހިމަނައި، ހުށަހަޅާ މަޢުލޫމާތުގެ ޞައްޙަކަމަށާއި، ކޮވިޑާ ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލު ކުރަން އިޤުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ "އެއާ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.

ހަތް ދުވަހުގެ ކަރަންޓީނަށްފަހު 8 ވަނަ ދުވަހު ހައްދާ ކޯވިޑް-19 ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގަޓިވް ވުމުން ގެއިން ނުކުމެވުނަސް، އިތުރު 7 ދުވަސް ވަންދެން އެމީހެއްގެ ޞިއްޙަތު އަމިއްލައަށް މޮނިޓާ ކުރަމުން ދާންޖެހޭނެ އިރު، އަދި މިޓެސްޓުގެ ނަތީޖާ "އެއާ ސުވިދާ" ޕޯޓަލްއަށް އަޕްލޯޑު ކުރަންޖެހެއެވެ.

މީގެއިތުރުން ކޮންމެ ފްލައިޓަކުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން %2 (އިންސައްތަ) މީހުން ރެންޑަމްކޮށް އެއަރޕޯޓުގައި ޓެސްޓްކުރާ ގޮތަށްވެސް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.

މި ފިޔަވަޅުތަކާއި އެކުވެސް އެ ޤައުމަށް، އެކުގައި ދަތުރުކުރާ 5 އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށްފަހު 8 ވަނަ ދުވަހުގެ ޓެސްޓު ހައްދާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ ޤައުމަށް އެތެރެވާއިރު، ނުވަތަ ގޭގައި ކަރަންޓީންގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޓެސްޓު ހައްދައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތައް، އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަހެރިވެ ފަރުވާ ހޯދަންޖެހެއެވެ.

މި ފިޔަޅުތަކާގުޅިގެން، އިންޑިއާގައި ދިރިއުޅޭ އަދި އިންޑިއާއަށް ދިވެހިރާއްޖެއިން ދަތުރުކުރަން ގަސްދުކުރާ ފަރާތްތައް މިކަމަށް ސަމާލުވުމަށާއި، މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށް ފޮރިން މިނިސްޓްރީއިން ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން އެމިނިސްޓްރީއިން ވަނީ ޒަރޫރީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.