ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ވީއައިޕީ/ސީއައިޕީ ޓާމިނަލް ބޭނުން ކުރަން ފަށައިފިއެވެ.
މި ޓާމިނަލް ބޭނުން ކުރަން ފެށީ އިއްޔެ ހެނދުނު 6:00 އިން ފެށިގެންނެވެ. މި ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގަދަން ފެށި ޓަމިނަލެކެވެ.
އެ ޓާމިނަލުން އެއްފަހަރާ 95 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނެއެވެ. އެގޮތުން މި ޓާމިނަލުގައި ހަތަރުބުރި ހުންނައިރު އެންމެ ތިރީ ބުރިން ހިދުމަތް ދޭނީ ވީވީއައިޕީ ނުވަތަ ގައުމުގެ އެންމެ އިސްވެރިންނަށެވެ. ފުރަތަމަބުރި އާއި ދެވަނަބުރިން ދޭނީ ވީއައިޕީ އަދި ސީއައިޕީގެ ހިދުމަތެވެ.
މި އިމާރާތުގެ ހަތަރު ވަނަބުރި ހާއްސަ ކޮށްފައިވަނީ އިދާރީ މަސައްކަތްތަކަށެވެ.
އެއާޕޯޓުގައި ހުރި ވީއައިޕީ ޓާމިނަލުން އެއް ފަހަރާ ހިދުމަތް ދެވެނީ 65 މީހުންނަށެވެ. މި ޓާމިނަލް ތަޅާލުމަށްފަހު އެތަނުގައި ވެސް އާ ވީއައިޕީ ޓާމިނަލް ވަރުގެ އިތުރު ވީއައިޕީ ޓާމިނަލެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ކުރީގެ އަކުއާ ރެސްޓޯރަންޓް ހުރި ތަނުގައި މޫދު ފެންނަ ގޮތަށް ހަތަރު ބުރި އަށް ހެދި އާ ވީއައިޕީ އިމާރާތުގައި ޗެކިން ކުރެވޭނެ ފެސިލިޓީ އާއި ކެއުންބުއިމުގެ ހިދުމަތްތަކާއި ފާހާނާގެ އިތުރުން ފެން ވެރޭނެ ގޮތާއި ދެ ޖިންސަށް ވަކިން ނަމާދު ކުރެވޭނެ ގޮތްތައް ވެސް ހުންނާނެއެވެ. ގާތްގަނޑަކަށް 2،000 އަކަފޫޓުގެ މި ބިލްޑިންގުން ހިދުމަތް މި ވަގުތު ދެނީ އެއް ޕްރައިވެޓް ލައުންޖާ އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!