އެޑިޔުކޭޝަނަލް ލީޑާސް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އީލާމް) ގެ ރައީސަކަށް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމް އިންތިޙާބު ކޮށްފިއެވެ.

އީލާމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން މި މަގާމަށް ތޯހާ އިންތިޙާބު ކޮށްފައި މިވަނީ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބުދަދުވަހުގެ ރޭ ބޭއްވި އީލާމްގެ އާންމު ޖަލްސާގައެވެ.

Ad
rt

އެގޮތުން 2022 އިން 2024 އަށް އީލާމްގެ ރައީސްގެ މަޤާމަށް ތޯހާ ހޮވިފައި ވާއިރު ނައިބު ރައީސުންގެ ގޮތުގައި ހޮވިފައިވަނީ އެމެރިކާގައި ފެލޯޝިޕެއް ފުރިހަމަ ކުރަމުންދާ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރީގެ ޕްރިންސިޕަލް ފަޒްނާ ޔޫސްފް ފާރިޤް އަދި ތާޖުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަކީބާ ޢަލީއެވެ.

މީގެ އިތުރުން އީލާމްގެ ހިންގާ ކޮމިޓީއަށް އިންތިޙާބު ވެފައިވާ ފަރާތްތަކަކީ:

  • ޖެނެރަލް ސެކްރެޓަރީ - މަޖީދިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ ޢަލީ
  • ފައިނޭންސް ސެކްރެޓަރީ - ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަޙްމަދު ނިހާދު
  • އެޑިޝަނަލް ސެކްރެޓަރީ - ޝެއިޚް އިބްރާހީމް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒް
  • މީޑިއާ ސެކްރެޓަރީ - ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ ނާއިބް ރައީސް / ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރީގެ ޕްރިންސިޕަލް މުޙައްމަދު އަސްލަމް

މި ޖަލްސާގައި އީލާމްގެ ކައުންސިލެއް އުފެއްދުމަށް އަސާސީ ޤަވާޢިދަށް އިސްލާހެއް ވެސް ވަނީ ގެނެއްސައެވެ. އެގޮތުން އީލާމްގެ ކައުންސިލްގެ ގޮތުގައި ފާސްކޮށްފައިވަނީ އީލާމްގެ 2 ފައުންޑަރުންގެ އިތުރުން ނިމިދިޔަ ދައުރުގެ ރައީސާއި ހިނގާ ދައުރުގެ ހިންގާ ކޮމެޓީގެ އޮންލައިންކޮން ކުރިއަށްގެންދިޔަ އީލާމްގެ އާންމު ޖަލްސާގައި އީލާމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ވެސް ވަނީ ބައިވެރިވެލައްވާފައެވެ.

އީލާމް އަކީ 2014 ވަނަ އަހަރު" ޕްރިންސިޕަލްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާއެކެވެ. ފަހުން 2021 ވަނަ އަހަރު މިޖަމްޢިއްޔާގެ ނަން ވަނީ އެޑިޔުކޭޝަނަލް ލީޑާސް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އީލާމް) އަށް ބަދަލުކޮށްފައެވެ.

ތަޢުލީމީ މުއައްސަސާތަކުގެ އިސްވެރިންނާއި ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ މިޖަމްޢިއްޔާގެ މައިގަނޑު މަގުސަދަކީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގެ ހިންގުމާއި ލީޑަރޝިޕް ހަރުދަނާކޮށް، ހިންގުމުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުމާއި ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ފަންނީގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ޤާބިލު ބަޔަކަށް ހެދުމަށް ބާރުއެޅުންކަމަށް އީލާމްއިން ވަނީ ބުނެފައެވެ.