ދޮންބަންޑާރައިންނަކީ "ހުރަވީ" އެއްތޯ ކުރެވޭ ބަހުސް

93F6746A-05AA-4D3C-AAF0-917226AC1AD2

ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން ޢަބްދުﷲ ސަޢީދުއަކީ ވަރަށް ކުޅަދާނަ ލިޔުންތެރިއެކެވެ. ދިވެހި ޤައުމީ ދިފާއީ ބާރުގައި ވަޒީފާ އަދާކުރައްވާ ސަޢީދުއަކީ ތާރީހީ ލިޔުންތައް ލިޔުއްވުމުގައި ކުޅަދާނަ ބޭފުޅެކެވެ.

ހުރަވީ ދުވަސް ނިޞްބަތްވާ ޤައުމީ ބަޠަލަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1 ވަނަ) އެވެ. އެއީ "ދޮންބަންޑާރައިން" ނެވެ. ހޮޅީން ނުވަތަ މަލަބާރީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވިއިރު އެއީ "މުލީގޭ ދޮން ޙަސަން މަނިކުފާނު" އެވެ. ސުވާލަކީ އެމަނިކުފާނަށް "ހުރަވީ"ގެ ލަގަބު މަތިކޮށް އެމަނިކުފާނު އިސްވެ ހުންވައި ޤައުމަށް ހޯއްދަވައި ދެއްނި ނަޞްރާއި ފަތަޙައިގެ ޒިކުރާ ފާހަގަކުރާ ދުވަހަކަށް "ހުރަވީ ދުވަސް" ކިޔަނީ ކީއްވެގެންތޯއެވެ؟ ހުރަވީއާއި ދޮންބަންޑާރައިންނާ އޮތީ ކޮން ގުޅުމެއްތޯއެވެ؟ ދޮންބަންޑާރައިންނަށް "ހުރަވީ" ނިސްބަތް ކުރެވިދާނެތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟

ސުވާލުތައް އުފެދޭ ސަބަބު:

މި ސުވާލުތައް އުފެދެނީ ހުރަވީންނަކީ (ދޮންބަންޑާރައިން ނުހިމަނައި) ހުރާގޭ ރަސްކަމުގެ ދަރިކޮޅުގެ ބޭފުޅުންކަމަށް ފެންނަ ނަޒަރިއްޔާތުން ވިސްނީމައެވެ. އެ ނަޒަރުން ވިސްނީމާ ހުރަވީ ދުވަހަކީ ހުރަވީންގެ ދުވަހެވެ. ހުރަވީންގެ މަތިވެރިކަމުގެ ޒިކުރާ އާކުރެވޭ ދުވަހެވެ. ދޮންބަންޑާރައިންގެ ޖިހާދުގެ ޒިކުރާ އާކުރުމަށެވެ.

މައްސަލަ އުފައްދަވާ ބޭފުޅުން ވިދާޅުވަނީ ދޮންބަންޑާރައިންނަކީ ރާއްޖޭގެ ރަސްކަން ކުރެއްވިއެއްކަމަކު ރަސްކަމުގެ ދަރިކޮޅެއްގެ ހުވަފެންފުޅެއް ދެކެވަޑައި ގެންނެވި ބޭފުޅެއް ނޫނެވެ. އެއީ ހާލަތު ނިޔާކުރިގޮތުން ދިޔަމިނގިލީ ދަރިކޮޅުގެ ރަސްކަން ދަމަހައްޓަވައި ދެއްވި ބޭފުޅެއް ކަމެވެ. އަދި އެމަނިކުފާނުގެ އެންމެ ފަހުގެ ވަސިއްޔަތްޕުޅަކީ ވެސް ޢާއިލާގެ ފަރާތުން ރަސްކަމާ ކައިރި ނުވުމެވެ. ރަސްކަން އޭގެ ހައްގުވެރިންނަށް ދޫކޮށްލުމެވެ. ދޮންބަންޑާރައިން އަވަހާރަވުމުގެ ކުރިން ދިޔަމިނގިލީ ދަރިކޮޅުގެ ވަލީއަހުދެއްގެ ގޮތުގައި ހުންނެވި މުޙައްމަދު މަނިކުފާނު (ފަހުން ޣިޔާސުއްދީން ރަދުން) އާ ރަސްކަން ހަވާލު ކުރެއްވިއެވެ. ނަމަވެސް ދޮންބަންޑާރައިން އަވަހާރަވުމަށްފަހު ކަންހިނގީ ވަސިއްޔަތް ކުރެއްވި ގޮތަކަށް ނޫނެވެ.

ދޮންބަންޑާރައިންގެ ޢާއިލާގެ ބޭފުޅުންނާއި ޣިޔާސުއްދީން ރަދުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ. އެންމެފަހުން ދޮންބަންޑާރައިންގެ ޢާއިލާގެ ބޭފުޅުން ޣިޔާސުއްދީން ރަދުންގެ ހައްޖަށް ވަޑައިގެންނެވި ތަނުން ރަސްކަމަށް ވެރިވެވަޑައިގެންނެވީއެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަތުމުން ހަށިކޮޅުގައި ބަރޯސީ ބަނދެ ވާދޫ ކަނޑަށް ކަނޑުފެއްތީއެވެ. މި އިންގިލާބުގެ ލީޑަރަކަށްވީ ދޮންބަންޑާރައިންނަށް ބޮޑު ބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށް މުޙައްމަދު މަނިކުފާނެވެ. ފަހުން އެއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) އެވެ. މީލާދީން 1773 ން 1774 އަށް ކުރެއްވި ރަސްކަލުންނެވެ. ތާރީޚީ ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ހުރަވީންގެ ލީޑަރަކީ މި ރަދުންނެވެ. އެ ބޭފުޅުން ވިދާޅުވަނީ ހުރާގޭ ދަރިކޮޅުގެ ރަސްކަމުގެ ފެށުމަކީ މިއީއެވެ.

ހުރަވީ ދުވަސް ފާހަގަކުރުން:

މަލާބާރީން ނުވަތަ ހޮޅީންގެ އަނިޔާވެރިކަމުން ދިވެހީން މިނިވަންވި ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ ހުރަވީ ދުވަހެވެ. އެއީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މީލާދީން 18 އޭޕްރީލް 1980 އެވެ. ދޮންބަނޑާރައިންނަށް ނިސްބަތްކޮށް ދުވަހަށް ނަމެއް ދޭނަމަ ދެވިދާނެ އެހެން ނަންނަން ހުއްޓައި "ހުރަވީ ދުވަސް" އެ ދުވަހަށް ކިޔުނީ ކީއްވެގެންބާވައެވެ.

ސަބަބަކީ ދޮންބަންޑާރައިންނަކީ މާލެއަތޮޅު ހުރަޔަށް ނިސްބަތްވާ ބޭފުޅަކަށްވުމެވެ. އެމަނިކުފާނުގެ ބައްޕާފުޅުގެ މަތިކޮޅު ގުޅެނީ ހުރާ ދޮންމަރުދުރު ފަޑިއަތްތަކުރުފާނާއެވެ. ހަމައެހެންމެ، ދޮންބަންޑާރައިންނަކީ މުލަކަ އަތޮޅު މުއްޔަށް ވެސް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ދޮންބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން މަޝްހޫރު ނަންފުޅަކީ ވެސް މުލީގޭ ދޮން ޙަސަންމަނިކުފާނެވެ. ނުވަތަ މުލީގެ ދޮން ޙަސަންމަނިކެވެ. ދޮންބަންޑާރައިންގެ ބައްޕާފުޅު، އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނު ހުރަޔަށް ނިސްބަތްވާއިރު، މަންމާފުޅު ކުޑަ އައިމިނާ ފާނަކީ މުލަކަތޮޅު މުލީ ޚަޠީބު މުޙައްމަދުގެ ދަރިކަނބަލެކެވެ.

ދޮންބަންޑާރައިންގެ ޤައުމީ ޖިހާދަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރަން ސަރުކާރުން ނިންމަވައި އެ ދުވަހަށް ކިޔާނެ ނަމަކާމެދު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެކަން ނިންމެވީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގެ ކުރީކޮޅު އެކުލަވާލެއްވި ތާރީޚީ އަދަބީ މަޖިލިހުގެ މަޝްވަރާގެ މަތިން ރައީސް އޮފީހުންނެވެ. "ހުރަވީ" ދުވަހުގެ ގޮތުގައި އެ ދުވަސް ފާހަގަކުރުމަށް ނިންމެވި މަޖިލިހުގެ ރިޔާސަތު ބެލެހެއްޓެވީ އައްޝައިޚް މުޙައްމަދު ޖަމީލް ދީދީއެވެ.

ހުރާ ދަރިކޮޅާއި ހުރަވީން:

ދިވެހިރާއްޖޭގައި ރަސްކަން ކުރި ދަރިކޮޅުތަކުގެ ތެރެއިން ހުރާގޭ ދަރިކޮޅުގެ ބާނީއެއް ކަމަށް ތާރީޚީ ގިނަ ލިޔުންތަކުގައި ކަނޑައަޅާ ބަޔާންކޮށްފައިވަނީ ދޮންބަންޑާރައިންނެވެ. އެމަނިކުފާނުގެ އެންމެ ފަހުގެ ވަސިއްޔަތާ ޚިލާފަށް ނަމަވެސް ހުރާގެ ދަރިކޮޅުން ދިގު މުއްދަތަކަށް ރާއްޖޭގައި ރަސްކަންކުރީތީއެވެ. ދިވެހި ތާރީޚު ދިރާސާކުރެއްވި ބޭފުޅުންގެ ތެރެއިން އެޗްސީޕީ ބެލް އާއި އެހެން ގިނަ ލިޔުންތެރިން ލިޔުއްވާފައިވާ ގޮތުން ހުރާގޭ ދަރިކޮޅުގެ ބިންގާ އެޅިފައިވަނީ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނާއި ހަމައިންނެވެ. ބެލް ލިޔުއްވާ ގޮތުގައި ހުރާގޭ ދަރިކޮޅު ފެށެނީ ހުރާގައި ދިރިއުޅުއްވި ދޮންމަރުދުރާ ހަމައިންނެވެ. މުޙައްމަދު އަމީން ލިޔުއްވާފައިވާ ގޮތުގައި ހުރާގެ ދަރިކޮޅު ފެށެނީ ފަރަންސޭސި ރައްޔިތެއް ކަމަށްވާ "ދޮންލުއީ" އާ ހަމައިންނެވެ. ޢަބްދުލްޙަކީމް ޙުސައިން މަނިކު ލިޔުއްވާފައިވާ ގޮތުގައި އެ ދަރިކޮޅުގެ ފެށުމަކީ ކްރިސްޓިއަން ދީނަށް ބަދަލުވެވަޑައިގެންނެވި 9 ވަނަ ޙަސަން ރަސްގެފާނުގެ ކާފަ ދަރިކަލުން ދޮންލަވީޒެވެ. "ދޮން" މި ލަފުޒަކީ ޕޯޗްގީޒު ބަހުން "ޑޮން" ކަމަށް ލިޔުއްވައެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ޙުކޫމަތެއް ފެށި، 1932 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީން ފެށިގެން 1943 ވަނަ އަހަރާ ހަމައަށް ހުރިހާ ޤާނޫނު އަސާސީތަކެއްގައި ވެސް ރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އިސްކުރެވޭ ރަސްކަލަކީ ނަސަބުގެ ގޮތުން ހުރަވީ ރަސް ދަރިކޮޅުކަން ކަނޑައެޅި ބަޔާންވެގެން ވެއެވެ.

"ހުރަވީ" މި ލަފުޒު ނިސްބަތްކުރެވެނީ ހުރާގޭ ދަރިކޮޅަށެވެ. އެ ދަރިކޮޅުގެ އެންމެ އިސް ރަސްކަލެއްކަމަށް ދިވެހި ތާރީޚުގައި ބެލެވިފައިވަނީ ދޮންބަންޑާރައިންނެވެ. ވުމާއެކު "ހުރަވީ" މި ލަފުޒު މިއަދު ނިސްބަތް ކުރެވެނީ ސީދާ ދޮންބަންޑާރައިންނަށެވެ. ހުރަވީ، މި ނަމާ ގުޅުވައިގެން ޤައުމީ މުހިންމު ބިނާތަކާއި ތަކެއްޗަށް ނަން ދެވިފައިވަނީ އެހެންވެއެވެ. ކޯސްޓްގާޑް ޝިޕް ހުރަވީ އާއި ހުރަވީ ސްކޫލާއި ހުރަވީ ބިލްޑިންގ މިއީ މިސާލުތަކެވެ. ދޮންބަންޑާރައިންނަށް ނިސްބަތްކޮށް "ޢިއްޒުއްދީން" މި ނަމުން ވެސް ޤައުމީ މުހިންމު ބިނާތަކާއި ތަންތަނަށް ނަން ދެވިފައިވެއެވެ. ޢިއްޒުއްދީން ސްކޫލާއި ޢިއްޒުއްދީން ފާލަމަކީ މީގެ މިސާލުތަކެވެ.

ދޮންބަންޑާރައިންނަށް ހުރަވީގެ ލަޤަބުން މުޚާޠަބު ކުރެވެން ފެށުނީ ހުރަވީ އާއި ހުއްރިއްޔަތުގެ އަޑުތައް ދިވެހި ފަޒާގައި ގުގުމަންފެށި ދުވަސްވަރުއެވެ. އެއީ "މުޙައްމަދު އަމީނުލް ހުރަވީ"ގެ އަތްޕުޅު މަތީގައި ދައުލަތުގެ ބާރު އޮތް ދުވަސްވަރެވެ. ރާއްޖޭގެ ރަސްކަން ކުރެއްވި ރަސްރަސްކަލުންނާއި ރަނިރަނި ކަނބަލުން ދަރިކޮޅުތަކަކަށް ބައްސަވާފައިވަނީ މާފަހުން ދިވެހި ތާރީޚު ދިރާސާ ކުރެއްވި ޢިލްމުވެރި ބޭފުޅުންނެވެ. ރަސްކަމުގެ އެއް ދަރިކޮޅުތެރެއަށް އަނެއް ދަރިކޮޅުގެ ބޭފުޅަކު ވަނުމާއި، ނަސަބުގެ ގޮތުން އެއްވެސް ގުޅުމެއްނުވާ ބޭފުޅަކު އެ ދަރިކޮޅުގެ ކޮންމެ ވެސް ހިސާބެއްގައި ރަސްކަން ކުރެއްވުމަކީ ހިނގާފައިހުރި ކަންކަމެވެ. އެހެންވީމާ ބައެއް ދަރިކޮޅުތަކުގައި ނަސަބުގެ ގޮތުން އެ ދަރިކޮޅަކާ އެއްވެސް ގުޅުމެއް ނުވާ ބޭފުޅުން ވެސް ހިމެނިފައިވެއެވެ. ނުވަތަ އެވެނި މިވެނި ބޭފުޅަކު މިވެނި އެވެނި ދަރިކޮޅަކަށް ނިސްބަތްކުރުން މާރނގަޅޭ ހީވާގޮތް ދިމާވެއެވެ. ތާރީޚުގެ ޢިލްމުވެރިންނަށް މިކަމުގައި ވާނުވާ އޮޅުން ފިއްޔަސް ނޭނގޭ މީހުން ރަނގަޅަށް އޮޅުން ނުފިލުވައިނަމަ ވަންނާނީ ވަލެވެ.

ދޮންބަންޑާރައިންގެ ޖިހާދު

ހުރަވީ ދުވަހަށް ނަން ދެއްވާފައިވާ ގޮތުން ބައެއް ފަރާތްތަކުން ޚިޔާލު ތަފާތުވިޔަސް ދޮންބަންޑާރައިންގެ ޤައުމީ ޖިހާދާމެދު އެއްވެސް ބޭފުޅަކު ސުވާލެއް ނޫފައްދަވައެވެ. އަދި ދޮންބަންޑާރައިންގެ އަމިއްލަ އެދުންފުޅެއްނެތް ވަރުގަދަ ޝަޚްޞިއްޔަތަށް ހުރިހާ އެންމެން ވެސް އިޢުތިރާފުވެއެވެ.

މަލާބާރީން (ހޮޅީން) ގެ ލަޝްކަރެއް ރާއްޖެ އަރައި ދިވެހީން އަޅުވެތިކުރީ ހިޖުރައިން 13 ޞަފަރު 1166 ގައެވެ. އެއީ މީލާދީން 20 ޑިސެންބަރު 1752އެވެ. އޭރު ތަޚުތުގައި އިންނެވީ ދިޔަމިނގިލީ ދަރިކޮޅުގެ އައްސުލްޠާނު މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުންނެވެ. ހޮޅީން ރާއްޖެ އައުމަށް އެދި އާދޭސްކޮށް، މަލާބާރީގެ މުސްލިމު ރަސްގެފާނު އަލީރާޖާއަށް ސިޓީފޮނުވައި ޤައުމަށް ޚިޔާނަތްތެރިވި ދެ ދިވެހީންނަކީ އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުން ކަމުގައިވާ އެއިރު މާލޭގައި ހުންނެވި ފަނޑިޔާރު ކަލޭގެފާނު މުޙައްމަދު ޝަމްސުއްދީނާއި، އޭނާގެ އެއްބަނޑުއެއްބަފާ، ޚަޠީބު އަޙްމަދު މުޙްޔިއްދީނެވެ.

ހޮޅީން މާލެ ހިފަން އައީ ނަވަކާއި، ބޭރުދަތުރުކުރާ ދެއޮޑީގައެވެ. އަލީރާޖާގެ ލަޝްކަރު މެންދަމުން އަލިވެ 3 ޖެހިއިރު އައިސް ފަސޭހަކަމާއެކު މާލެ އެރިއެވެ. އޭރު ކަނޑިންމަ ހުރީ ތަޅުނުލައެވެ. ރަސްކަމުގެ ކޮއިލުތެރެ ބަލަހައްޓާ މީހުން ތިބީ ނިދާފައެވެ. ނިދާފައި ތިބި މީހުންނަށް ހޭވެރިކަންވީ ދުޝްމަނުން ރަސްކަމުގެ ކޮއިލުތެރެއަށްވަދެ ބަޑިޖަހަން ފެށުމުންނެވެ. އޭރު އެތައް ބަޔަކު މަރައިފިއެވެ. ދުޝްމަނުން ނާބަތުޚާނާގައި ރޯކޮށްލިއެވެ. މިހުޅުގަނޑުގައި އެތެރެ ކޮއިލުގައިހުރި ހުރިހާ ގެތަކާއި، ދޮރާށިތަކާއި، އަދި ފުރަމާލޭގެ ދެބައިކުޅައެއްބައި ގެތައް އަނދައިގެން ދިޔައެވެ. އެވަރުގެ ބޮޑު ގެއްލުމަކާ ކުރިމަލިތާން ޖެހުމުން ރަދުން ނިންމެވީ ދުޝްމަނުންނާ ވާހަކަ ދައްކަވައިގެން ސުލުހަވެރި ހައްލެއް ލިބޭތޯއެވެ. ދުޝްމަނުންނާ ވާހަކަ ދައްކަވައި އެއްބަސްވެވުނު ގޮތަށް އެ މީހުންނާ ބައްދަލު ކުރައްވަން ރަދުން ވަޑައިގަތުމުން، ރަދުންނާއި، ރަދުންގެ ވަލީއަޙުދު މުޙައްމަދު މަނިކުފާނު ހައްޔަރުކޮށްގެން ގެންގޮސް އެމީހުންގެ އޮޑިއަށް ލައިގެން ގެންދިޔައީ ކަންނަންނޫރަށެވެ. މިހިސާބުން މަލާބާރީންގެ އަޅުވެތިކަމަށް ރާއްޖެ ވެއްޓުނީއެވެ.

ހޮޅިން ދިވެހިރާއްޖެ އަޅުވެތިކުރިތާ 3 މަހާއި 20 ދުވަސްވީތަނާ މުލީގޭ ޙަސަން މަނިކުފާނު (ދޮންބަންޑާރައިން) އިސްވެ ހުންނަވައި ރާއްޖެ މިނިވަންކޮށް ދެއްވިއެވެ. އަދި އޭގެފަހުން 1166ހ. (1753މ،)، 1167ހ. (1753މ.)، 1168ހ. (1755މ.) އަދި 1174ހ. (1761މ.) ގައި ވެސް ކަންނަންނޫރުގެ ޢަލީރާޖާ ހަނގުރާމަވެރި އުޅަނދުތައް ފޮނުއްވައިފައިވެއެވެ. މިއިން ކޮންމެ ފަހަރަކު ވެސް ދޮންބަންޑާރައިންވަނީ ދުޝްމިނުންނާ ހަނގުރާމަ ކުރައްވައި ބަލިކުރައްވައިފައެވެ.

އެންމެ ފުރަތަމަ ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންކޮށް ދެއްވުމުން ދިވެހި ރައްޔިތުން ދޮންބަންޑާރައިންގެ އަރިހަށް އައިސް ރާއްޖޭގެ ރަސްކަން ޤަބޫލުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަދިޔާއަކަށް ވިހިހާސް ލާރިވެސް ދެއްވިއެވެ. އެހެންނަމަވެސް އެކަން ޤަބޫލު ނުކުރައްވައި ދިޔަމިނގިލީ ދަރިކޮޅުގެ ދެ އަންހެން ބޭފުޅެއްގެ ނަންފުޅުގައި (އެއް ބޭފުޅަކަށްފަހު އަނެއް ބޭފުޅެއްގެ ނަންފުޅުގައި) ރަސްކަން ހިންގަވައިދެއްވިއެވެ. ވިހިހާސް ލާރި ހަވަރަށް ބެއްސެވުމަށް އަމުރުކުރެއްވީއެވެ. މަލިކުގައި ރަސްގެފާނު އަވަހާރަވީކަމުގެ ޚަބަރު ލިބިވަޑައިގަތުމުން އެންމެ ފަހުން ރަސްކަން ޤަބޫލުކުރެއްވީއެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ރަސްކަންކުރެއްވީ 7 އަހަރު ދުވަހު އެވެ. އެއީ ހިޖުރައިން 1173 ވަނައަހަރުން 1180 ވަނަ އަހަރާއި ހަމައަށެވެ. މީލާދީ ގޮތުން އެއީ 1759 ން 1767 އަށެވެ. އަވަހާރަވަމުން ކުރެއްވި ވަސިއްޔަތުގައި ވިދާޅުވިއެވެ. ދިވެހި ރަސްކަން ދިޔަމިނގިލީ މުހައްމަދު މަނިކުފާނާ ހަވާލެވެ. ތިމަންނާގެ ދަރިން މާތް ކަލާނގެއާ ވަކީލެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން އަވަހާރަވީ 2 ރަމަޟާން 1180 (1 ފެބްރުވަރީ 1767) ގައެވެ.

ހުރަވީ ދުވަސް ފާހަގަކުރަނީ، ދިވެހި ލޮބުވެތި ރައްޔިތުން، ޤައުމީ އަބްޠާލުންގެ ޒިކުރާ ޢަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށެވެ. އަދި އެ އަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމަށެވެ. ހަމައެހެންމެ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ދުޝްމަނުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދުގެ އަގުވަޒަންކޮށް އެ ޒިކުރާ އާކުރުމަށެވެ. ކޮންމެ ވިސްނުމަކުން ވިސްނި ނަމަވެސް ދޮންބަންޑާރައިންނަކީ ހުރަވީއަކަށް ނުވާނެ ގޮތެއްނެތެވެ.

ނޯޓް: މިއީ ތާރީޚީ ޢިލްމުވެރިންނާއި ދިވެހި ތާރީޚަށް ލޯބިކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވައިބަރު އޮޅިއެއް ކަމަށްވާ "ތާރީޚީ އާރު"ގައި މިއަހަރުގެ ހުރަވީ ދުވަހު، ހުރަވީ ދުވަހާ ބެހޭ ގޮތުން އެކިއެކި ބޭފުޅުން ފާޅުކުރައްވާފައިވާ ޚިޔާލާއި ދެއްވާފައިވާ މަޢުލޫމާތުގެ މައްޗަށް އަޅުގަނޑަށް ވެސް ފެންނަ އެއްޗެއް ދަންނަވާލުމަށް ލިޔެފައިވާ ލިޔުމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.