މާލެ ސިޓީ އަދި ހުޅުމާލޭގައި ކުރިއަށް ގެންދާ ނައިޓްމާކެޓްތައް ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭއިން ފޮނުވާފައިވާ ސިޓީއަކާއި ހަވަލާދީ މާލެ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެޗްޕީއޭއިން މިގޮތަށް އަންގާފައި މިވަނީ މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވިޑް އަށް ޕޮޒިޓިވް ވާ މިންވަރު އިތުރުވަމުން ދާތީ ކަމަށެވެ.
އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ފެންނަމުންދާ ކޮވިޑް-19 ގެ ވޭރިއެންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖެއިން މިހާރު ފެނިފައިވުމުން ބަލިޖެހޭ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން މާލޭގެ ސަރަހައްދު ތަކުގައި ކުރިޔަށް ގެންދާ ނައިޓް މާކެޓް ފަދަ މީހުން އެއްވާ އިވެންޓްތަކަށް ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓާލެވިފައިވާ ކަމަށް އެކައުންސިލުން ވަނީ އަންގާފައެވެ.
ނައިޓް މާކެޓް ބޭއްވުމަށް ހުއްދަ ދީފައިވަނީ މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 22 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
ރާއްޖެއިން ކޮވިޑް ބަލީގައި އިއްޔެ އެކަނިވެސް ވަނީ 224 މީހުން ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!