އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެ ޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ވެސް ތަނަވަސް ކޮށްފައެވެ. މެޗުގެ ޗެލްސީން ފުރަތަމަ ލީޑު ނަގާފައި ވަނީ މާކޯ އެލަންސޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކައި ހަވާޓްޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

Ad
rt

މެޗުގައި ޗެލްސީން ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއިރު މި ލަނޑަކީ ޓޮޓެންހަމްގެ ބެން ޑާވިސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ޓޮޓެންހަމްގެ އޭރިއާގެ ތެރެއަށް ހުރަސްވީ ބޯޅަ ކުލިއާ ކޮށްލަން އެ ޓީމްގެ ޑިފެންޑަރ ޔަފެޓް ޓަގަންގާ ބޮލުން ޖެއްސި ވަގުތު އެ ބޯޅަ ގޮސް އެ ޓީމްގެ ބެން ޑާވިސްގެ ކޮންޑުގައި ޖެހިފައި އެ ބޯޅަ ވަދެފައި ވަނީ ބައިކޮޅަށެވެ.

މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން މީޑިއާގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން ޗެލްސީގެ ފޯވާޑް ލުކާކޫ ވަނީ މި ހަފްތާގެ އާދީއްތަ ދުވަހު ޗެލްސީއާއި އާސެނަލް ބައްދަލުކުރި މެޗުގެ ސްކޮޑުން ބާކީކޮށްފައެވެ. ނަމަވެސް އެ ވާހަކަތަކާއި ގުޅިގެން ލުކާކޫ ފަހުން ވަނީ މާފަށް އެދިފައެވެ. ވުމާއެކު ބުދަ ދުވަހުގެ ރޭ ޗެލްސީ ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު މެޗަށް ނެގި ޓީމުގައި ލުކާކޫ ވަނީ ހިމަނާފައެވެ. ޗެލްސީގެ ކޯޗް ޓުޗެލްވަނީ މި މެޗުގައި ލުކާކޫއަށް ފުރަތަމަ އެގާރައިން ވެސް ފުރުޞަތު ދީފައެވެ.

މެޗުގައި ޓޮޓެންގަމްގެ ހެރީ ކޭން ހިލޭ ޖެހުމަކުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު އެ ހަމަލާ ޗެލްސީގެ ކީޕަރު ކެޕާ ވަނީ ދިފާއު ކޮށްފައެވެ. މެޗުގައި ޗެލްސީގެ ލުކާކޫއާއި ހަކީމް ޒިޔެޗްގެ އިތުރުން ޓީމޯ ވާނާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބި ބޭނުން ނުކުރެވިފައެވެ.

ޓޮޓެންހަމްއާއި ޗެލްސީ ބައްދަލުކުރާ ލީގު ކަޕްގެ ސެމީފައިނަލުގެ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 13 ޖަނަވަރީ 2022 ގައި ޓޮޓެންހަމްގެ ދަނޑުގައެވެ.

އާސެނަލްއާއި ލިވަޕޫލް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ބުދަ ދުވަހުގެ ރޭ ލިވަޕޫލްގެ ދަނޑުގައު ކުޅެން ހަމަޖައްސާފައި އޮތް ނަމަވެސް ކޯވިޑާއި ގުޅިގެން އެ މެޗު ވަނީ 13 ޖަނަވަރީ 2022 ގައި ކުޅޭގޮތަށް ފަސްކޮށްފައެވެ. ދެވަނަ ލެގު ކުޅުމަށް ތާވަލު ކޮށްފައި ވަނީ 20 ޖަނަވަރީ 2022 ގައެވެ.