އަޑިއަށްދިޔަ ދޯނީގެ ބައިތަކެއް އޮޔާދަނިކޮށް ފެނިފައިވާކަމަށާއި އެދޯނިން ދަތުރުކުރި މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ފ. ފީއަލިން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ނަމަކަށްކިޔާ ދޯނިން ކަނޑަށްދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވަނީ ފ. އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުންނެވެ.

Ad
rt

މިތަކެތި ފެނިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑަށެވެ. އެމްއެންޑީއެފްއިން މީގެ ކުރިން އާންމުކޮށްފައިވާ އެދޯނީގެ ފޮޓޯ ގައި ހުރި ސާމާނުތަކާއި ކަނޑުމަތިން ފެނިފައިވައިވާ ސާމާނުތައް އެއްގޮތްކަމުގައި ބެލެވެއެވެ. އޮޔާދަނިކޮން ފެނިފައިވަނީ މަސް ފިނިކޮށް ރައްކާ ކުރާ ފޮށިތަކެކެވެ.

އެމްއެންޑީއެފުން މަޢުލޫމަތުދެއްވާގޮތުގައި މިދޯނީގައި ދަތުރުކުރަމުން ދިޔައީ 3 މީހުންނެވެ. އަދި މިއީ ފ.ފީއަލީ ކައިރިން ފާނައިގެ މަސްވެރިކަން ކުރަން އުޅުމަށްފަހު މާލެއަށް ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ.

މިދޯނި އޮތީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުގައިކަމަށާ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 23:22 ހާއިރުކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

މި އުޅަނދާއި މީހުން ހޯދުމަށް ކޯސްޓްގާޑުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.