އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މިއީ ފާއިތުވި އަހަރުގެ ނޮވެމްބަރ މަހު ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި ރަންގްނިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ. މިއީ ޔުނައިޓެޑްގެ ދަނޑުގައި ފާއިތުވި 42 އަހަރުގެ ތެރޭގައި ވުލްވްސްއަށް މޮޅެއް ހޯދުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޔުނައިޓެޑްގެ ދަނޑުގައި ވުލްވްސްއަށް މޮޅުވެވިފައި ވަނީ 1980 ވަނަ އަހަރުއެވެ.

Ad
rt

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި މެޗުގައި ޔުނައިޓެޑްގެ ޑިފެންޑަރ ފިލް ޖޯންސް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. މި މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅާފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މުޅި މެޗުގައި ވެސް ޔުނައިޓެޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމަށް ލަނޑުޖަހާނެ މާރަނގަޅު ފުރުޞަތު ތަކެއް ތަނަވަސް ކުރެވިފައި ނުވެއެވެ. ޔުނައިޓެޑުން މެޗުގެ ފަހު ހާގުގައި ރަނގަޅު ދެ ހަމަލާއެއް އުފެއްދިއިރު އެ ދެ ފުރުޞަތު ވެސް ލިބިފައި ވަނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރޫނޯ ފެނާންޑޭޒްއަށެވެ. ފުރަތަމަ ހަމަލާ ފެނާންޑޭޒް ވުލްވްސްގެ އޭރިއާތެރޭ ހުސްކޮށް ހުރެ ފޮނުވާލި ނަމަވެސް އެ ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ މޯޓީނިއޯއެވެ.

ޔުނައިޓެޑުން ވަނީ މެޗުގެ ފަހު ވަގުތު ކޮޅު ޓީމް ވަރަށް ބޮޑަށް ކުރިއަށް ޖައްސައިގެން ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. މިގޮތުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވުލްވްސްގެ އޭރިއާ ބޭރުން ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާ ވުލްވްސްގެ ކީޕަރު ވަނީ ދިފާއުކޮށް އެ ޓީމަށް މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

މި ނަތީޖާއާއިއެކު ޔުނައިޓެޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތް ވަނާގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. މެޗުން މޮޅުވި ވުލްވްސް މިވަގުތު އޮތީ ތާވަލުގެ އަށް ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 19 މެޗުން 28 ޕޮއިންޓެވެ.