ޖޯކެއްނޫން! ހިންގާފައިވާ އިންސާނީ ޖަރީމާއެއް

EGFx1NPU0AEq4nJ

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށްވަދެ، ރަޖިސްޓަރީވުމަށް، 19 ސެޕްޓެމްބަރު 2019 ގައި ސަރުކާރުން ފުރުޞަތު ހުޅުވާލިއެވެ. މި ހުޅުވާލެވުނު ފުރުޞަތުގެ ދަށުން ގަވާއިދުގެ ތެރެއަށް ބިދޭސީން ވަނުމަށް ފަހު، ވަޒީފާއެއް ހޯދަން ހަ މަސް ދުވަހުގެ މުހުލަތެއް ދެވޭނެކަމަށް ސަރުކާރުން ހާމަ ކުރިއެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް 63،000 ބިދޭސީ މީހުން އުޅޭ ކަމަށް ސަރުކާރުން ލަފާ ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭންސީންގެ މައްސަލަ ވެފައި އޮތީ ހައްލެއްނެތް ބޮޑު ޤައުމީ މައްސަލައަކަށެވެ. މި މައްސަލައަކީ އެދެވޭ ހައްލެއް ނުގެނެވި ކުރީގެ ސަރުކާރުތައް ފެއިލް ވެފައިވާ މައްސަލައެކެވެ. ނުވަތަ ބޮޑުންނާއި ބާރުވެރިންނާއި، ބިދޭސީން އެތެރެކުރާ ނެޓްވޯރކްތަކުން ގުޅިލާމެހިފައިވުމުން ދޫކޮށްލާފައިވާ މައްސަލައެކެވެ.

އައު ސަރުކާރަށް އަހަރެއްވެސް ނުވަނީސް މިވަނީ މިމައްސަލަ ހައްލުކުރުމަށް މަސައްކަތް ފައްޓަވާފައެވެ. ޚާއްސަކޮށް މިމައްސަލައާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލު ވިދާޅުވި ބަސްފުޅުތައް އެމަގުން ތަންފީޒު ކުރައްވަމުން ގެންދިއުން ހާމަވެގެން ދަނީ ސަރުކާރުން މަސައްކަތް ކުރަނީ ހެޔޮ ނިޔަތެއްގައި ކަމެވެ. ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން މިމައްސަލާގައި ހިފާފައިވާ މިސްރާބުން، ކުޅުއްވަނީ ސިޔާސީ ޗަރުކޭހެއް ނޫންކަމާއި، ހަޤީޤީ ހައްލެއް ހޯއްދަވައިދެއްވަން ބުރަ މަސައްކަތްތަކެއް ކުރައްވާކަން މިހާތަނަށް ކުރެއްވި މަސައްކަތްތަކުން ފެންނާން އެބައޮތެވެ.

ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުޞަތު ހުޅުވާލުމުން އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން، ރޭގަނޑުން ފެށިގެން ދިގު ކިޔޫ އެއް ހެދިއެވެ. ކިޔޫގެ މައްސަލައަށް ހައްލެއް ހޯދުމަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށް އިތުރު ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެ، ގަލޮޅުދަނޑަށް އެމަސައްކަތް ބަދަލުކުރައްވާނެ ކަމަށް 1 އޮކްޓޯބަރުގައި، އިއުލާން ކުރެއްވިއެވެ.

އެތައް ސަރުކާރުތަކަކުން ދޫކޮށްލާފައި އޮތް މިމައްސަލަ ހައްލުކުރުމުގައި ފަސްނުޖެހި މިސަރުކާރުން ކުރައްވާ މަސައްކަތް ބަލައިގަނެ، ހުރިހާ ފަރާތަކުންވެސް އެއްބާރުލުން ދޭންޖެހެއެވެ. ރާއްޖެގައި ހަމައެއް ލަމައެއްނެތި އިތުރުވެފައިވާ ބިދޭސީ އާބާދީގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުންދިޔަ އިޖުތިމާއީ މައްސަލަތަކާއި، އަދި ހުދު އެބިދޭސީންގެ މައްޗަށް ބައެއް ބަލަދުވެރިން ވަމުންދިޔަ އިހުމާލަށް އޮތް ފަރުވާއަކީވެސް އެކަމަށް އެދެވޭ ހައްލެއް ހޯދުމަށް، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެވޭ މަސައްކަތަކުން ނުކުންނާނެ ނަތީޖާއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ވުމަށް ގަލޮޅު ދަނޑު ހުޅުވާލުމުން ފެނުނީ ގަލޮޅު ދަނޑު ފުރާލި މަންޒަރެވެ. އެތައް ސަތޭކަ ބިދޭސީންނެއް ގަލޮޅު ދަނޑަށްވަދެ، ގަވައިދުގެ ތެރެއަށް ވަންނަން އިސްނެގި މަންޒަރެވެ. މިމަންޒަރު ތަހުޒީބު ނޫން ވިސްނުމަކުން ޖޯކަކަށް ހެއްދެވި ނަމަވެސް ފެނިގެން ދިޔައީ އަހަރުތަކެއް ވަންދެއް ބަޔަކު ހިންގާފައިވާ ނާޖާއިޒު ވިޔަފާރިއެއްގެ އަސްލު މަންޒަރެވެ.

ބިދޭސީން ވަޒީފާތަކަށް އަންނަނީ ވަރަށް ފޮނި އުންމީދުގައެވެ. މުދަލާއި ގެދޮރު ވިއްކާފައި އަންނަމީހުން މަދެއް ނޫނެވެ. ނަމަވެސް، އެމީހުންގެނައުމުގެ ވިޔަފާރީގައި އުޅޭ ބައެއް ފަރާތްތަކުން ކަންކޮށްފައިވަނީ، އެމީހުން ގެނައުމުގެ ވިޔަފާރިކުރާ މީހުންނާއި އެކަމަށް މަދަދުދޭ ފަރާތްތަކާއި، ވެރިންނާއި، ބޮޑުން ޝާމިލުކޮށްގެން ހިންގާ ވިޔަފާރިއެއް ގޮތުގައެވެ. މިކަމުގައި ދިވެހިންނާއި، ބިދޭސީ އެޖެންޓުން ގުޅިގެން ހިންގާފައިވާ ވިޔަފާރިތައް މަދެއް ނޫނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މައްސަލަ ހައްލު ކުރުމަކީ ބުރަ މަސައްކަތެކެވެ. ޒަމާނުއްސުރެ ބަޔަކު ނާޖާއިޒު މަންފާ ހޯދާ ވިޔަފާރިއެއް ހުއްޓުވާލުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. އުސޫލާއި ޤަވައިދުގެ ތެރެއިން އެމަސައްކަތް ގެންދިއުމަށް ފުރޮޅަން ޖެހޭ އެތައް ގަލެއް ހުންނާނެކަން ޔަޤީނެވެ. މިސަރުކާރުން މިހާތަނަށް ދެއްކެވި ހިތްވަރުން މިކަން ކާމިޔާބު ކުރައްވާނެ ކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް އަދި ނެތެވެ. މި ގައުމީ މައްސަލަ ހައްލުކުރުމަކީ، އެމަސައްކަތް ނިންމާ ބަޔަކަށް ޤައުމު ދުލުން ރަން ވަނައެއް ދޭވަރުކަމެއްކަން ޔަޤީނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *