ސިޙްރުވެރިޔާ އޭނާގެ ސިޙުރުން އެތައްވައްތަރެއްގެ އަނިޔާވެރިކަމަކާއި ޙައްދުފަހަނަ އެޅުމުގެތެރެއަށް ވަދެއެވެ.
ފަހެ، ސިޙްރުވެރިޔާ ކިތައް އިންސާނުން ޝިރުކުގެ ތެރެއަށް ވައްޓާލާހެއްޔެވެ؟! ފަހެ، އޭނާ ﷲ ނޫންފަރާތްތަކަށް ކަތިލުމަށް އަމުރުކުރެއެވެ. ނުވަތަ ތަވީދު އެޅުމަށް އޭނާ އަމުރުކުރެއެވެ. ނުވަތަ ﷲ ފިޔަވައި އެހެންފަރާތަކަށް އެނގިގެންނުވާ ޣައިބުގެ ޚަބަރުތައް ތެދުކުރުމަށް އޭނާ އަމުރުކުރެއެވެ.
އަދި ބައެއް ސިޙްރުވެރިން އެބައިމީހުންގެ ކައިރިއަށް އަންނަ މީހުންނާއެކުގައި ފާޙިޝް ޢަމަލުތައް ހިންގައެވެ. ޚާއްޞަކޮށް އޭނާގެ ކައިރިއަށް އަންނަ އަންހެނުންނާއެކުގައެވެ.
އަދި ސިޙްރުވެރިޔާ އުފާވެރި އެތައްގިނަ ގޭތަކެއް ވަރަށްބޮޑަށް ފަސާދަ ކޮށްލައެވެ. ފަހެ، އެކުވެރިކަމާއި ލޯތްބާއެކުގައި އުޅުނު ކިތައް ދެމަފިރިޔަކު އޭނާ ދުރުކޮށްފައި ވޭހެއްޔެވެ؟! ފަހެ، އެނާގެ ސަބަބުން ގިނަދަރިންތަކެއް، އެބައިމީހުންގެ މައިންބަފައިން ވަކިވުމުގެ ސަބަބުން ތެދުމަގު ގެއްލި އެދަރިން ދުނިޔޭގެ ހިތިކަމުގެ ރަހަ ދެކެންޖެހެއެވެ.
ސިޙްރުވެރިޔާ މީސްތަކުންނަށް ކިހާ ހިތާމައެއް ޖައްސާހެއްޔެވެ؟! ފަހެ، ދުޅަހެޔޮ ޞިއްޙަތުގައިވާ ކިތަށްއިންސާނުން އޭނާގެ ސަބަބުން ބަލިވޭހެއްޔެވެ؟! އަދި އުފާވެރި ކިތައް ޢާއިލާއެއް ކުދިކުދިވެ ބައިބައިވެގެން ގޮސްފައިވޭހެއްޔެވެ؟! އަދި އަނިޔާވެރި ސިޙްރުވެރިޔާގެ ސަބަބުން ބަލިވެފައިވާ ކިތައްފަޤީރުން ބަލިން ސަލާމަތް ވުމަށްޓަކައި ދަރަނިވެރިވެފައިވޭހެއްޔެވެ؟
އަދި ސިޙްރުވެރިޔާ އެހެން މީހުންގެ މުދާތައް ބާޠިލުގޮތުގައި ކައިގެން އެބައިމީހުންނަށް އޭނާ އަނިޔާވެރިވެފައިވާނީ ކިހާވަރަކަށް ހެއްޔެވެ؟! އެއީ އޭނާ ފަރުވާކުރާކަމަށް ދަޢްވާކޮށްގެންނެވެ. ނުވަތަ ޣައިބުގެ ޢިލްމަށް ދަޢްވާކޮށްގެންނެވެ.
ހަމަކަށަވަރުން ސިޙްރުވެރިޔާވަނީ މުޖުތަމަޢުގެ މައްޗަށް ރުޅިގަދަވެފައެވެ. އެމުޖުތަޢުގައި ފަސާދައުފައްދައިގެން ނޫނީ އޭނާގެ ހިތް ހަމައެއް ނުޖެހޭނެއެވެ. ފަހެ، އެހެންމީހުންގެ އުފާވެރި ޙަޔާތް ފެނި އޭނާ އުފަލެއް ނުވާނެއެވެ. އަދި މުއްސަދިންގެ ތަނަވަސްކަން ފެނި އޭނާ އުފަލެއް ނުވާނެއެވެ. އަދި ޝަރަފުވެރިންގެ މަތިވެރި މަޤާމުފެނި އެކަމާ އޭނާ އުފަލެއް ނުވާނެއެވެ.
ހަމަކަށަވަރުން ސިޙްރުވެރިޔާގެ ފަރާތުން މުޖުތަޢަށް މުޅިންވެސް ވަނީ ގެއްލުމެވެ. އެއްވެސްގޮތަކަށް އޭނާގެ ފަރާތުން ހެވެއް ނުވެއެވެ. ފަހެ، ސިޙްރުވެރިޔާ މުޖުތަމަޢަށް ހެޔޮކަމެއް ނުވަތަ ފަޤީރުންނަށް މަންފާޢެއް ނުވަތަ ޔަތީމުންނަށް އޯގާތެރިވުމެއް ނުވަތަ ހުވަފަތް އަނބިންނަށް އަޅާލާތަނެއް ދުށިން ހެއްޔެވެ.!! އެހެނެއްކަމަކު އޭނާގެ މަސައްކަތަކީ މުޖުތަމަޢަށް ގެއްލުން ދިނުމެވެ. އަދި އެމުޖުތަމަޢުގެ ފަރުދުން ޝިރުކާއި ނުބައި ކަންތައްތަކާއި ދަތި އުނދަގޫތަކާއި ހިތާމަތަކާއި ދަރަނީގެ ތެރެއަށް ވައްޓާލުމެވެ.
އަނިޔާވެރި ސިޙްރުވެރިޔާ
ސިޙްރުވެރިޔާއަކީ މީސްތަކުންގެ ތެރެއިންވި އެންމެ ނުބައިވެގެންވީ ނަފްސެވެ. އަދި އެބައިމީހުންގެ ތެރެއިންވި އެންމެބޮޑަށް ތަބީޢަތް ހަލާކުވެފައިވާ މީހާއެވެ. އަދި ޢަމަލުކުރުމުގައި އެބައިމީހުންގެ ތެރެއިންވި އެންމެ ދަށްމީހާއެވެ. އަދި އެބައިމީހުންގެ ތެރެއިންވި އެންމެ ހިތް އަނދިރިމީހާއެވެ.
އިބުނުލްޤައްޔިމު ވިދާޅުވެފައިވެއެވެ. (( އެރޫޙުތަކާއި މުނާސަބުވެގެންވާ މުޑުދާރު ނަފްސުތަކާ އެކުގައި ނޫނީ ސިޙްރު ނުހެދޭނެއެވެ.))(1)
އަދިވެސް އެބޭފުޅާ ވިދާޅުވެފައިވެއެވެ. (( އަނދިރިވެގެންވާ ހިތްތަކަކީ އެއީ ޝައިޠާނުންގެ މަޙައްލުތަކެވެ. އަދި އެޝައިޠާނުންގެ ގެތަކާއި ތަންމަތިތަކެވެ.))(2)
ސިޙްރުވެރިޔަކީ މީސްތަކުންގެ ތެރެއިންވި އެންމެ މޮޔަމީހާއެވެ. އަދި އެބައިމީހުންގެ ތެރެއިންވި އެންމެ ވިސްނުން ކޮށިމީހާއެވެ. އަދި އެބައިމީހުންގެ ތެރެއިންވި އެންމެ ބޮޑަށް ފިކުރު ފަސާދަވެފައިވާ މީހާއެވެ. އަދި އޭނާވަނީ ޝައްކާއި ވަހުމްތަކުގެ މައްޗަށް ބިނާކޮށްފައިވާ ދުނިޔަވީ ބޭނުންތައް ޙާޞިލުކުރުމުގައި އާޚިރަތުގެމައްޗަށް ދުނިޔެ އިސްކޮށްފައެވެ. އަދި އޭނާވަނީ އެޢަމަލަކުން އޭނާ ނަރަކައަށް ދާންޖެހޭނޭކަން އެނގޭ ޢަމަލެއްކުރުމަށް އަވަސްވެގަނެފައެވެ.
އިބުނުލްޤައްޔިމު ވިދާޅުވެފައިވެއެވެ. (( ޝައިޠާނާއަށް އަޅުކަން ކުރުމެއް ނުވާގޮތަށް ހެދޭ ސިޙްރު މަދުން ނޫނީ ނުވެއެވެ. އަދި ސިޙްރުވެރިޔާ ޝައިޠާނާއާ ގާތްވުމުގެ ގޮތުން އޭނާގެ ނަމުގައި ޤުރުބާން ކުރެއެވެ. ނުވަތަ އެޝައިޠާނާއަށް ޤަޞްދުކޮށް ޤުރުބާންކުރެއެވެ. ފަހެ، އޭރުން އެޤުރުބާން ވެގެންދަނީ ﷲ ނޫންފަރާތަކަށް ވެވޭ ޤުރުބާނީއަކަށެވެ. އަދި މިނޫން ގޮތްގޮތަށް ކުރެވޭ ޝިރުކާއި ފާސިޤު ޢަމަލުތަކެވެ. ))
ސިޙްރުވެރިޔާ ޝައިޠާނާއާއި ގާތްވެގެންވެއެވެ. އަދި ޚަލްޤުތަކުންނަށް ގެއްލުންދިނުމުގައި އޭނާ ޝައިޠާނާއާ އެއްފަދަވެގެންވެއެވެ.
އަލްއަލޫސީ ވިދާޅުވެފައިވެއެވެ. (( ބަހާއި ޢަމަލާއި ޢަޤީދާގައި ނުބައިކަމާއި ނަޖިސްކަމުގައި ޝައިޠާނުންނާ އެއްވައްތަރުވާ ނުބައިމީހުންނަށް ނޫނީ އެބައިމީހުން ( ޝައިޠާނުން ) އެހީތެރިއެއް ނުވާނެއެވެ. ))
ސިޙްރުވެރިޔާ އެޞިފައަކުން ޞިފަލިބިގެންފައިވާ ޞިފައަކީ އިންސާނުން އެޞިފައަކުން ޞިފަލިބިގެންފައިވާ އެންމެ ދަށުދަރަޖައިގެ ޞިފައެވެ. އަދި އެއީ ދޮގުހެދުމެވެ. ފަހެ، އޭނާ، އޭނާގެކައިރިއަށް އަންނަމީހުންނަށް އޮޅުވާލާފައިވާ ޚަބަރުތައް ކިޔައިދީ ދޮގުހަދައެވެ. އެއީ ނަބިއްޔާ ‘ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. « فَيَكْذِبُ مَعَهَا مِائَةَ كَذْبَةٍ »(3) މާނައީ " ފަހެ، އޭނާ ( ސިޙްރުވެރިޔާ ނުވަތަ ޣައިބަށް ދަޢުވާކުރާމީހާ ) އެ ޙައްޤު ބަހާއެކު ސަތޭކަ ދޮގު ހަދައެވެ. "
ސިޙްރުވެރިޔާ އެހެންމީހުންގެ މައްޗަށް ކިބުރުވެރިކަމުގެ ޞިފައިން ބޮޑާވެރިކަން ހޯދައެވެ. އަދި އެޞިފައަކީ އެއީ އިބިލީސް ސުވަރުގެއިން ބޭރުކޮށްލެވުނު ޞިފައެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ. إِلَّا إِبْلِيسَ اسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ ﴿٧٤﴾ ص: ٧٤ މާނައީ " އިބިލީސް މެނުވީއެވެ. އެކަލޭގެ ބޮޑާވެ، ކާފިރުވި މީހުންގެ ތެރެއިން ވިއެވެ."
ބޮޑާކަމާއެކު ބިންމަތީގައި ހިނގައި އަދި ކިބުރުވެރިކަމާއެކު އޭނާގެ ކޯތާފަތް މީސްތަކުންނާ ވީފަރާތުން އަނބުރާލާފައިވާ މި ސިޙްރުވެރިޔާ އަކީ ޝައިޠާނާއަށް އެންމެބޮޑަށް ނިކަމެތިވެ، އޭނާއަށް އެންމެ ބޮޑަށް ބިރުގެންފައިވާ މީހާއެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ. وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا ﴿٦﴾ الجن: ٦ މާނައީ "އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެތެރެއިން ފިރިހެން ބައެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ ( އެކަމުގެ ސަބަބުން ) އެއުރެންނަށް ( އެބަހީ: ޖިންނީންނަށް ) އެއުރެން (އިންސީން) ކާފިރުކަމާއި ބޮޑާކަން އިތުރުކުރޫއެވެ."
ފަހެ، ޝައިޠާނާއަށް ނިކަމެތިވާމީހާ ނިކަމެތިވެ، އެމީހާގެ ޤަދަރު ކުޑަވުން އޭނާއަށް ޙައްޤުވެގެންވެއެވެ.
އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!