އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އާސެނަލްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު، ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއް ވަނާގައި ފަރަގު ބޮޑު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ އާސެނަލުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ ސިޓީންނެވެ. ސިޓީގެ ޑި ބްރޭނާ އާސެނަލްގެ އޭރިއާ ތެރެއަށް ހުރަސް ކޮށްދިން ބޯޅަ އެ ޓީމްގެ ފޯވާޑް ޖީސަސް ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ގޮސްފައި ވަނީ ދަނޑި ކައިރިން ބޭރަށެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ އާސެނަލުންނެވެ. މި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމްގެ ޓިއާނޭ ސިޓީގެ އޭރިއާގެ ތެރެއަށް ތިރިތިން ހުރަސް ކޮށްދިން ބޯޅަ، އެ ޓީމްގެ ބަކަޔޯ ޝަކާ ވަނީ އެއްފަހަރުން ޖަހައި ސިޓީގެ ގޯލަށް އެ ބޯޅަ ވައްދާލާފައެވެ. މި ލަނޑަށް ފަހު ވެސް އާސެނަލްގެ ޓިއާނޭއަށް ވަނީ ލީޑު ފުޅާ ކުރާނެ ރަނަގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފަށް ނުކުތްއިރު އާސެނަލުން ކުރީގައި އޮތް ނަމަވެސް މެޗުގެ 54 ވަނަ މިނެޓުގައި އާސެނަލްގެ އޭރިއާގެ ތެރެއިން އެ ޓީމްގެ ޒާކާ، ސިޓީގެ ބާނާޑޯ ސިލްވާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ސިޓީއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ސިޓީއަށް ކާމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ މަހްރޭޒްއެވެ.

މެޗުގައި އާސެނަލްއަށް އިތުރު މައްސަލަތަކާއި ކުރިމަތިވެފައި ވަނީ 59 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ ގެބްރިއަލްއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ.

އާސެނަލުން އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ސިޓީ ވަނީ ވަރަށް ބޮޑަށް ޓީމް ކުރިއަށް ޖައްސައި މެޗު ކާމިޔާބު ކުރުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އެ ޓީމްގެ ރޮޑްރީ ވަނީ ލަނޑު ޖަހައި ސިޓީއަށް މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ޓޮޓެންހަމްއާއި ވޮޓަފޯޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޓޮޓެންހަމްއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ވޮޓަފޯޑްގެ އޭރިއާ ކައިރިން ލިބުނު ހިލޭޖެހުމަކުން އެ ޓީމްގެ ސޮން ވޮޓަފޯޑްގެ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ސަންޗޭޒްއެވެ.

މި ނަތީޖާތަކާއިއެކު ސިޓީއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 11 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 21 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ޗެލްސީއަށް ލިބިފައި ވަނީ 20 މެޗުން 42 ޕޮއިންޓެވެ. ކުޅުނު 20 މެޗުން ލިބުނު 35 ޕޮއިންޓާއިއެކު އާސެނަލް މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނާގައެވެ. ޓޮޓެންހަމް މިވަގުތު އޮތީ ހަ ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 18 މެޗުން 33 ޕޮއިންޓެވެ.