މިފެށުނު އަހަރުގެ ތެރޭގައި އެއް ލައްކަ ގަސް މާލޭގައި އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނަންގަވައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މުއިއްޒު ވަނީ މިދިޔަ އަހަރު މޭ މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލްގެ އަމާޒަކީ ހަ މަސް ދުވަސް ތެރޭ ގަސް އިންދުމަށް ވާންޖެހޭ ތައްޔާރީތައް ނިންމުމަށް ފަހު، ޖެނުއަރީ 1، 2022 ގައި ޕްރޮގްރާމްގެ އަމަލީ މަސައްކަތް ފެށުން ކަމަށް ވިދާޅުވެފައެވެ.

Ad
rt

އެގޮތުން މި ޕްރޮގްރާމްގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފައްޓަވާދެއްވީ މާލޭ ސިޓީ ކައުންސިލަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ ފަރާތް ކަމަށްވާ މާލޭ ސިޓީ ކައުންސިލްގެ ސީނިއާ އެކައުންޓްސް އޮފިސަރު އަބްދުﷲ ރަމީޒުއެވެ.

މިޕްރޮގްރާމް ދަށުން މާލޭގެ މަގުމަތީގައި ގަސް އިންދުމަށް ކަނޑައަޅާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އޭގެތެރޭގައި އަނބު ގަސް، ސައްކެޔޮ ގަސް އަދި ދަނބު ގަސް ހިމެނެއެވެ. މީގެ ތެރެއިން 65 ޕަސެންޓަކީ އަނބު ގަހެވެ.

މުއިއްޒުވަނީ މިޕްރޮގްރާމްގެ ދަށުން 2023 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހާ ހަމައަށް މާލޭ ސިޓީގައި އެއްލައްކަ ގަސް އިންދާ ނިންމޭނެ ކަމަށް ވިދާޅުވެފައެވެ.