މިއަހަރު ދިވެހި ރާއްޖެއަށް ޒިޔާރަތްކުރި އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.

މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރު ކޯޕޮރޭޝަން އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ފުރުސަތު ލިބިވަޑައިގެންނެވި ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ގެ ޖޯޖީނާ ކެނިންގއެވެ.

Ad
rt

ޖޯޖީނާ ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު 06:10 ގައެވެ. މިފަރާތަށް މަރުޚަބާ ދެންނެވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ/ވިޒިޓް މޯލްޑިވްސް)ގެ އިސްވެރިންގެ އިތުރުން، އިމިގްރޭޝަން މޯލްޑިވްސް އާއި، މޯލްޑިވްސް އެއަރޕޯޓް ކޮންޕެނީ އަދި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ގިނަ ފަރާތްތަކެއް ވަނީ މިއަދު ހެނދުނު އެއަރޕޯޓްގައި ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައެވެ.

މި ހަފްލާގައި އެމްއެމްޕީއާރސީގެ ޗީފް އެކްސެކިޓިވް އޮފިސަރ އަދި މެނޭޖިންގް ޑިރެކްޓަރ، ތޮއްޔިބް މުޙައްމަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެބޭފުޅާގެ ވާހަކަފުޅުގައި، ފާއިތުވި 2 އަހަރު ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮވިޑް-19 ގެ ސަބަބުން ގޮންޖެހުންތަކާއި ދިމާވި ނަމަވެސްް މިކަންކަމުން އަރައިގަނެ، ގިނަ ކާމިޔާބީތަކެއް ރާއްޖެ ހޯދަފައިވާތީ އެކަމާއި ނުހަނު ހިތްހަމަޖެހޭ ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތަކާއި އެވޯޑްތަކަށް އެ ހަފްލާގައި ވަނީ އަލިއަޅުއްވާލައްފާއެވެ.

މީގެ އިތުރުން އެމް.އޭ.ސީ.އެލް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރ އިބްރާހީމް ތޯހާ ވެސް ވަނީ މި ހަފްލާގައި ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށާފައިވާ އިރު އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ކުރިއަށް ތާވަލް ކޮއްފައިވާކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.