މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓް ސޭފްޓީ ވީކުގެ ދަށުން ކުރިއަށްގެންދާ ދުވުން މާދަމާ ބާއްވަން ތައްޔާރުވެއްޖެއެވެ.
މިއީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ކުރިޔަށް ގެންދާ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތެވެ. މި ހަރަކާތް ކުރިއަށްދާނީ މާދަމާ ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓް ޓަމިނަލް ސަރަހައްދުގައެވެ.
މާދަމާ ހެނދުނު 6:30ގައި ހުޅުމާލެ ޕޯޓު ސަރަހައްދުގައި ފަށާ މި ދުވުމުގައި މިހާތަނަށް 300ށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އެކި ވުޒާރާތަކުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ހިމެނެއެވެ.
ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ވަނަވަނަޔަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެއްވަނައަށް 2500ރ. ހުށަހަޅާފައިވާއިރު، ދެވަނަޔަށް 1500ރ. އަދި ތިން ވަނަޔަށް 500ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ދުވުމަށް ހާއްސަކޮށް ޖާޒީއެއް އެމްޕީއެލުން ވަނީ ނެރެފައެވެ. މި ޖާޒީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާ، ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް)އަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.
އެމްޕީއެލުން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި، ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާކޮށް މިކަންތައް ކުރިޔަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދުވުން ޕްރޮމޯޓްކުރުމުގެ ގޮތުން އެމްޕީއެލުން ވަނީ މިއަދު ހެނދުނު ނައިބު ރައީސް ފައިސަލް ނަސީމަށް ދުވުމުގެ ޖޯޒީ ހަދިޔާކޮށްފައެވެ. މީގެއިތުރުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއަށްވެސް ވަނީ ޖާޒީ ހަދިޔާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!