މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިންމަގާމުން ވަކި ކޮށްފިއެވެ.
އެ ބޭންކުން ވަނީ މިދިޔަ އޮކްޓޯބަރު މަހު އެހްތެޝާމް ސަސްޕެންޑު ކޮށްފައެވެ. އޭނާ ސަސްޕެންޑް ކުރީ ބޯޑަށް ނާންގާ ފައިސާތަކެއް ނެގުމުން ކަމަށް އަޑު ފެތުރުނު ނަމަވެސް މިކަމާ ގުޅޭގޮތުން އެ ބޭންކުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.
އެމްއައިބީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައު އެހްތެޝާމް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކި ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން އޭނާ މަގާމުން ދުރު ކުރާއިރު އޭނާ ދުރު ކުރީ ތުހުމަތު ކުރެވޭ ކަންތައްތަކަކާ ގުޅިގެން ހިންގި މުސްތަގިއްލު އިންކުއަރީއަކާއި އޮޑިޓު އަދި ޕޮރޮސެސް ރިވިއުއަށް ފަހު ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީ އިން ބުނީ އެހްތެޝާމް އެ މަގާމުން ވަކި ކުރީ އެ ބޭންކުން ހިންގި ތަހުގީގަށްފަހު ބޭންކިން ދާއިރާއާއި ގުޅުން ހުރި ގާނޫނުތަކާއި ގަވައިދުތަކުގައި ބަޔާންކޮށްފައިވާ، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގާބިލުކަމުގެ މިންގަނޑުތަކަށް އޭނާ ނުފެތޭތީ ކަމަށެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ އެހްތެޝާމް އެމްއައިބީގެ ސީއީއޯގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!