ސިވިލް ސާވިސް މުވައްޒަފުންގެ އަސާސީ މުސާރައަށް އެއްވެސް ބަދަލެއް ނުގެނެސް ފިކްސް އެލަވެންސް ދީގެން މިނިމަމް ވޭޖު ދޭން ނިންމައިފިއެވެ.

މިނިމަމް ވޭޖު ފެށުމުގެ ގޮތުން މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ފައިސަލް ވިދާޅުވީ، މިނިމަމް ވޭޖާ އެކު ސިވިލް ސާވިސްގެ 11،828 މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަަށެވެ. މީގއ ތެރެއިން 50 އިންސައްތަ މުވައްޒަފުންނަށް 1500ރ. އިތުރުވާއިރު 35 އިންސައްތަ މުވައްޒަފުންނަށް 1،000ރ.، 11 އިންސައްތަ މުވައްޒަފުންނަށް 500ރ. އަދި ހަތަރު އިންސައްތަ މުވައްޒަފުންނަށް 500ރ. އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

އަހުމަދު ފައިސަލް ވިދާޅުވިގޮތުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިނިމަމް ވޭޖް އެލަންވަސްގެ ގޮތުގައި ޖަމާވާނީ އަސާސީ މުސާރަ، ފިކްސްޑް އެލަވަންސްތަކާ އެކު 7،000ރ. ހަމަނުވާ މީހުންނަށެވެ.

މިނިމަމް ވޭޖް އެލަވަންސް ލިބެނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޖެނެރަލް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މި ދެ ރޭންކްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ މުވައްޒަފުންގެ ތެރެއިން 7،000ރ. އަށް ވުރެ އިތުރަށް ލިބޭ ފަރާތްތަކަށް މުސާރައިގެ އިތުރުވުމެއް ނުލިބޭނެއެވެ.

ޕޭ ކޮމިޝަނުން ބުނިގޮތުގައު އަސާސީ މުސާރައަށް ބަދަލު ނުގެންނަން މުވައްޒަފުންގެ އިތުރު ގަޑީގެ އެލަވަންސަށް އަދި ޕެންޝަނަށް ވެސް އިތުރު ބަދަލެއް މިނިމަމް ވޭޖާ އެކު ނާންނާނެއެވެ. އަދި މިނިމަމް ވޭޖް އެލަވަންސް ލިބޭ މުވައްޒަފުންނަށް އަންނަ މަހުގެ 15 ގެ ކުރިން މުސާރައަށް އަންނާނެ ބަދަލުތައް އަންގާނެ އެ ކޮމިޝަނުން ބުންޏެވެ.

ސަރުކާރުން މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ. ، މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ. އަދި ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ. އެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ ދަށް މުސާރައިގެ ގޮތުގައި ކަނޑައަަޅާފައިވަނީ މަހަކު 7000ރ.އެވެ.