އެމްޕީއެލްގެ ޕޯޓު ސޭފްޓީވީކްގެ ތެރެއިން ފުރަތަމަ ކުރިޔަށް ގެންދިޔަ “ސޭފްޓީ ކަލްޗަރ އަވެއަރނެސް ވޯރކްޝޮޕް” ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ވޯރކްޝޮޕް 36 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު މަހުޖޫބުއެވެ.
ހަފްތާއެއްގެ މުއްދަތަށް ކުރިޔަށް ގެންދާ ސޭފްޓީވީކްގެ ފުރަތަމަ ވޯރކްޝޮޕް ނިމިފައިވާއިރު، ހުރިހާ ބައިވެރިންނަށް ވެސް ވަނީ ސޭފްޓީ ކަލްޗަރ އާއި ބެހޭގޮތުންނާއި ކްރައިމް ޕްރިވެންޝަނަށް އަލިއަޅުވައި މައުލޫމާތު ދީފައެވެ. އަދި ކެމިކަލް އަދި އައި.އެމް.ޑީ.ޖީ އާއި ބެހޭ ގޮތުން މައުލޫމާތު ދީފައިވާއިރު، މޫސުމާ ގުޅިގެން ދިމާވާ ކާރިސާތަކާއި ބެހޭ މައުލޫމާތު ވެސް ވަނީ ދީފައެވެ.
ވޯރކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދީ އަހުލުވެރިކުރުމަށް ސެޝަންތައް ހިންގުމަށްޓަކައި، ފުލުހުންނާއި، އެމްއެންޑީއެފާއި މޫސުމާއި ބެހޭ ގައުމީ އިދާރާގެ ބޭފުޅުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އަދި ކުންފުނިތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ބަލާލުމަށްޓަކައި އެންސިސް ފިޝަރީޒްއަށް ވޯކްޝޮޕްގެ ބައިވެރިން ވަނީ ގޮސްފައެވެ.
މީގެއިތުރުން، ސައިބަރ ސެކިއުރިޓީ އާއި ގުޅިގެން މައުލޫމާތާއި، ޓީމް ބިލްޑިންގ އެކްޓިވިޓީސްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
2019 ވަނަ އަހަރުން ފެށިގެން އެމްޕީއެލްއިން ސޭފްޓީ ވީކް ފާހަގަކުރަނީ މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ އެންމެވެސް ހޭލުންތެރިކޮށް އިސްކަންދޭ ސަގާފަތެއް އާލާކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!