އެމެރިކާގައި ކޯވިޑް-19 ޖެހޭ މީހުން ކަރަންޓީން ކުރާ މުއްދަތު ދަށް ކޮށްފިއެވެ.

ސެންޓަފޯ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބޭރުގެ މީޑިއާތަކަށް ބުނީ އެމެރިކާގައި ކޯވިޑް ޖެހިގެން ކަރަންޓީން ވާ މުއްދަތު 5 ދުވަހަށް ދަށްކޮށްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓްވާ މީހުންވެސް ކަރަންޓީން ވާން ޖެހޭ މުއްދަތު ދަށް ކުރަން ނިންމާފައިވާ ކަމަށް ސީޑީސީން ބުންޏެވެ.

Ad
rt

ސީޑީސީގެ އޮފިޝަލު ބުނީ މި ބަދަލު ގެނައީ ކޯވިޑް ފެތުރެނީ އަލާމާތްތައް ފެންނަތާ ދެތިން ދުވަހުގެ ތެރޭގައި ކަން ހޯދުންތަކުން ފެނިފައިވާތީ ކަމަށެވެ. އަދި މިހާރު ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއަންޓަކީ ވެސް މި ބަދަލު ގެނައުމަށް ނިންމި ސަބަބެކެވެ.

އެމެރިކާގެ ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި އާ ވޭރިއަންޓުން ބަލިވާވަރު ކުރީގެ ވޭރިއަންޓުތަކަށްވުރެ ބޮޑެއް ނޫނެވެ. ނަމަވެސް މި ވޭރިއަންޓު ފެތުރޭވަރު އަވަސްވެފައި ކުރިއަށް އޮތްތާނގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލުތައް ތޮއްޖެހިދާނެތީ ކަރަންޓީން މުއްދަތު ދަށް ކުރުމަކީ މުހިންމު ކަމެއް ކަމަށް ސީޑީސީން ގަބޫލު ކުރެއެވެ.

ބަލި ޖެހޭ މީހުން ކުރިން ކަރަންޓީން ވާން ޖެހޭނީ 10 ދުވަހަށެވެ. މިހާރު މުއްދަތު ފަސް ދުވަހަށް ދަށްކުރި ނަމަވެސް ފަސް ދުވަސް ފަހުން ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރު ވާނެއެވެ.