ބޭރު ދުނިޔެއާއި ވީހާވެސް އޮމާން އަމާން ގުޅުމެއް ޤާއިމުކޮށްގެން ތިބުމަކީ ރާއްޖޭގެ ކުރިއެރުމާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުވެފައި އޮތުމަށް އޮތް އެންމެ ރަނގަޅު އަދި އެންމެ އޮމާން މަގު ކަމުގައި ދެކޭކަމަށް ޖުމްހޫރީޕާޓީ (ޖޭޕީ)އިން ބުނެފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ.
ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ބޭތިއްބުމާއި، އަދި ދިވެހި ޤައުމުގެ އެއްވެސް މިންވަރެއް މިލިޓަރީ ބޭނުމަށް ބޭރުގެ އެއްވެސް ޤައުމަކަށް ދިނުމަކީ ޤާނޫން އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީންމެނުވީ އެއްވެސް ވެރިކަމަކަށް ކުރެވޭނޭ ކަމެއްނޫންކަން 2008 ގައި ތަޞްދީޤު ކޮށް ޢަމަލުކުރެވެމުންމިދާ ޤާނޫނޫ އަސާސީގައި ސާފު ޢިބާރާތުން ބަޔާން ކޮށްފައިވާކަމަށް ޖޭޕީގެ ބަޔާނުގައި ބުނެފަވެއެވެ.
ޖޭޕީން ބުނީ، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް މިލްކުކޮށްނުދިނުމާއި، ޢަސްކަރީ ބޭނުންތަކަށް ދިނުމާއި ގުޅޭގޮތުން ޤާނޫންއަސާސީގައި "ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ދީގެން ނުވާނެ" ކަމަށް ބަޔާންކޮށްފައި ކަމަށެވެ.
"7 އޯގަސްޓް 2008 ގެ ޤާނޫން އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި 17 ވަނަ މަޖިލީހުން ފެށިގެން، މިހާރު ކުރިއަށް މިދާ 19 ވަނަ މަޖިލީހުގެ އެއްވެސް ޖަލްސާއަކުން ދިވެހިރާއްޖޭގެ ޞަރަހައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ( އެއްވެސް ޤައުމަކަށް/ އެއްވެސް ޤައުމެއްގެ ޢަސްކަރިއްޔާ އަށް) ދިނުމަށް ފާސްކޮށްފައި ނުވާ ހިނދު، "އިންޑިޔާގެ މިލިޓަރީ" މި ދިވެހިފަސްގަނޑުގައި ތިބި ކަމަށް ނިންމާނޭ ޤާނޫނީ ހަމައެއް އޮތްކަމަކަށް ޖުމްހޫރީ ޕާޓީއަކުން ނުދެކެމެވެ." ޖޭޕީން ބުނެފަ ވެއެވެ.
ޖޭޕީން ބުނީ، ދޭދޭ ޤައުމުތަކުގެ މެދުގައި އުފައްދާ " ބައިލެޓްރަލް" ގުޅުންތަކުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން، ގުޅިގެން ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި، ތަޢުލީމާއި ހުނަރު އިތުރުކުމުގެ ބޭނުމުގައާއި، ކާރިޘާތަކުން ސަލާމަތްވުމަށް ކުރިއަށް ގެންދެވޭ ހަރާކާތްތަކަށާއި، ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވެ ދިނުމަށް ހިންގޭ ހަރަކާތްތަކާއި، ދެ ޤައުމުގެ ސަލާމަތާއި ގުޅިފައިވާ ބޯޑަރު ބެލެހެއްޓުމާއި، ބައިނަލް އަޤްވާމީ ޤާނޫންތަށް ތަންފީޒުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ އެކި އެކި ހަރާކާތްތަކާއި، ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނު ތަކާއި ގުޅިގެން ވަކި މުއްދަތަކަށް އެއް ޤައުމުގެ ސިފައިން އަނެއް ޤައުމުގައި ތިބުމަކީ ދެފަރާތަށްމެ ފައިދާ ލިބޭ ކަންކަމެއްކަމަށެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދޭދޭ އަދި ސަރަޙައްދީ ފެންވަރުގައިވެސް ކުރިއަށް ގެންދެވޭ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ޤައުމުތައް ވަނީ ބަލައިގެންފައިކަމަށާއި، އަދި މިފަދަ ބޭނުމަކު "ހަތިޔާރު" ނުލައި ޔުނީފޯމުގައި އެހެން ޤައުމެއްގެ ސިފައިން ހަރަކާތްތެރި ވުމަކީ "މިލިޓަރީ" ހަރަކާތެއްކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށްއުޅޭ ކަމެއްކަމަށް ޖޭޕީން ބުނެފަ ވެއެވެ.
"އެހެން ކަމުން "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަޤްޞަދެއް ހާޞިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއްކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތެވެ." ޖޭޕީން ބުނެފަ ވެއެވެ.
"އިންޑިޔާ މިލިޓަރީ އައުޓް" އާއި އެކު އެކު ހެން އެންމެ ޢާންމު ކޮށް ދެން ފެންނަ އަނެއް ކެންޕޭނަކީ "އިންޑިޔާ އައުޓް" ކެމްޕޭން ކަމަށާއި، ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގެ ދެބަސް ނުވެވޭ ހަޤީޤަތަކީ، ހުރިހާ ޤައުމަކުންވެސް އެ ޤައުމެއްގެ އަވަށްޓެރި ޤައުމުތަކާއި، ކުދި ބޮޑު އެންމެހާ ޤައުމުތަކާ އެކުވެސް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަންކަމަށް ޖޭޕީން ބުނެފަ ވެއެވެ.
"ދިވެހިރާއްޖެ އަކީ ޤުދުރަތީ ވަސީލަތްތައް މަދު، ބޭރުގެ އިންޕޯޓުގެ މައްޗަށް ވަރަށްބޮޑަށް ބަރޯސާވާން ޖެހޭ ޤައުމަކަށް ވެފައި، ބޭރު ދުނިޔެއާއި ވީހާވެސް އޮމާން އަމާން ގުޅުމެއް ޤާއިމުކޮށްގެން ތިބުމަކީ ރާއްޖޭގެ ކުރިއެރުމާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުވެފައި އޮތުމަށް އޮތް އެންމެ ރަނގަޅު އަދި އެންމެ އޮމާން މަގު ކަމުގައި ޖުމްހޫރީޕާޓީން އަބަދުވެސް ޤަބޫލު ކުރަމެވެ." ޖޭޕީން ބުނެފަ ވެއެވެ.
އެހެންކަމުން ޒަމާނުއްސުރެ ގާތް އެކުވެރި ޤައުމެއްގެ ގޮތުގައި އޮތް އަވަށްޓެރި އިންޑިޔާއަށް ނިޞްބަތްކޮށް "އިންޑިޔާ އައުޓް" އޭ ގޮވުމަކީ މި ދެ ޤައުމުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހްމާލެއް ކަމުގައި މިފާޓީން ދެކޭކަމަށް ޖޭޕީން ބުނެއެވެ. އަދި ސިޔާސީ މަޤްޞަދެއް ޙާޞިލް ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ މިފަދަ ޢަމަލުތަކުން މި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، ވިޔަފާރިއާއި، އަދި އެ ނޫންވެސް ޒާތީ އެކި އެކި މުޢާމަލާތްތަކަށް ސީދާކޮށް އަދި ނުސީދާކޮށްވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި، ބަދަލު ހިފުން ފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާނެތީ، ޖުމްހޫރީ ޕާޓީ އިންތިހާއަށް ކަންބޮޑުވާކަމަށް ވެސް ބުނެފަ ވެއެވެ.
އެ ޕާޓީން ބުނީ، "އިންޑިޔާ އައުޓު" އަދި "އިންޑިޔާ މިލިޓަރީ އައުޓް" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހިޤައުމަށް ދިގުމުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނޭ އަދި ހިތްވަރުދޭނޭ ކަމެއް ނޫން ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޖުމްހޫރީޕާޓީ އަބަދުވެސް އޮންނާނީ އިޚްލާޞްތެރިކަމާއި އެކު އިސްލާމްދީނާއި، ދިވެހި ރާއްޖޭގެ މިނިވަންކަމާއި، ދިވެހީންގެ ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، ޤާނޫނު އަސާސީ އަށް ތަބަޢަވުމާއި، ދިވެހި ޤައުމުގެ ސަލާމަތާއި، އިސްތިޤްލާލް ނަގަހައްޓާ ދެމެހެއްޓުމުގައި ފާރަވެރިއެއް ގެ ގޮތުގައި ކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވާކަމަށް ވެސް ޖޭޕީގެ ބަޔާނުގައި ބުނެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!