ޅ. މަޑިވަރުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ މި ޓެސްޓް ފްލައިޓް ޖެއްސީ މިއަދު ހެނދުނު 09:50 ހާއިރުއެވެ. މި ފްލައިޓުން މަޑިވަރަށް އެންމެ ފުރަތަމަ ދަތުރު ކުރީ އެއާޕޯޓުގެ ކަންކަން ބެލުމަށް ދިޔަ ޓެކްނިކަލް ޓީމުގައި ހިމެނޭ މީހުންނެވެ.
ޓެސްޓް ފްލައިޓަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި، ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއާޕޯޓަކީ ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީ ކުރި އެއާޕޯޓެކެވެ.
މަޑިވަރު އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއި، އޭޕްރަންއަކާއި ފަޔަރ ބިލްޑިންއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓާމިނަލެެއް ވަނީ ތަރައްގީކޮށްފައެވެ. މިހާރު އެއާޕޯޓުގައި ކުރިއަށްދަނީ އޮޕަރޭޝަނަށް ގެނައުމަށް ކުރަން ޖެހޭ އެންނެ ފަހުގެ މަސައްކަތްތަކެވެ.
We operated a test flight to Lh. Madivaru today. pic.twitter.com/4caLVClQiN
— Maldivian (@MaldivianAero) December 25, 2021
މި އެއާޕޯޓަކީ ޅ. އަތޮޅުގައި ތަރައްގީ ކުރި ފުރަތަމަ އެއާޕޯޓެވެ. އެ އަތޮޅަކީ ގިނަ ރިސޯޓުތަކެއް އޮންނަ އަތޮޅަކަށްވުމުން އެއާޕޯޓެއްގެ ބޭނުން އޮތީ ވަރަށް ބޮޑަށް ޖެހިފައެވެ. އެހެންކަމުން މި އަތޮޅުގައި އެއާޕޯޓެއް ޤާއިމުވެގެން ދިއުމުން އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ލިބި، ރިސޯޓުތަކަށް ފަތުރުވެރިން ގެންދިއުމަށްވެސް ފަސޭހަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!