ޢަދާލަތު ޕާޓީ ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެކަމަށް ޢަދާލަތު ޕާޓީގެ މެންބަރުންނާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްއަރުވާކަމަށް އެޕާޓިން ބުނެފި އެވެ.
އެޕާޓީން މިހެން ބުނެފައިވަނީ ”އިންޑިއާ އައުޓް“ ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްވެ ހިންގަވާ ހަރަކާތާގުޅޭ ގޮތުން އެޕާޓީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގަ އެވެ.
އެނޫސް ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވެދޭ ބައިވެރިންނާމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން ދުމަށް، ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް އެ ޕާޓިން ކުށްވެރިކުރާކަމަށެވެ.
"ވަކިން ޚާއްސަކޮށް އަވަށްޓެރި އިންޑިއާ އާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު އިސްވެހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު މި ޕާޓީން ކަންބޮޑުވަމެވެ."
އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ދިވެހިރާއްޖެ އާއި އަވަށްޓެރި އިންޑިއާ އާދެމެދު ސްޓްރެޓީޖިކް ދާއިރާތަކުން މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ޒަމާންތަކަށް ދެމިގެންއަންނަ ޒަމާންވީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަތީޖަކަމަށް ވާއިރު އަދި ވަކިން ޚާއްޞަކޮށް މިހާރު ހިނގަމުން މިދާ ބައެއް ކަންކަމަކީ ޚުދު ރައީސް ޔާމީނުގެ ވެރިކަމުގައި އެކަންކަމުގެ ބިންގާ އަޅުއްވާފައިވާ ކަންކަން ކަމުގައި ވީއިރު، އެމަނިކުފާނު މިހާރު ކުރިއަށްގެންދަވާ ކެމްޕޭނަކީ ސިޔާސީ މަޤުޞަދެއްގައި ރައްޔިތުންގެ ޝުޢޫރުތަކާ ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެއްކަމަށް ސިފަކޮށްފައިވެއެވެ.
"މިކަމުގެ ނަތީޖާއަކަށް ވާނީ ބައިނަލްއަޤުވާމީ މަސްރަހުގައި ދިވެހީން އެކަހެރިވެ، ޤައުމާއި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ގެއްލުންވުމެވެ."
އެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތުހުރި ގޮތް ކަމުގައި އެޕާޓީން ނުދެކޭކަމަށާއި ވަކިން ޚާއްޞަކޮށް ތަރައްޤީ އާއި އެނޫންވެސް ދިވެހިން އެދޭ ދިރިއުޅުން ހާސިލުކުރުމަށްޓަކައި އަވަށްޓެރި ޤައުމުތަކާއި އަދި ހެޔޮއެދޭ ޤައުމުތަކާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ދުވަސްވަރެއްގައި އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުންބަދަހިކުރަންޖެހޭ ކަމަކީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެއްކަމަށް ބުނެފައިވެއެވެ.
ދިވެހިރާއްޖެ އަކީ އިންޑިއާ ކަނޑުގެ މެދުގައި އެތުރިފައިވާ ނާޒުކު ޖަޒީރާ ޤައުމަކަށްވީ ހިނދު، ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީ އާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ދިވެހިންގެ އެންމެހާ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް މަތީ ދައުރެއް އަދާކުރާކަމަށާއި ޢަދާލަތު ޕާޓީން ދެކޭގޮތުގައި ދިވެހި ޚާރިޖީ ސިޔާސަތުގެ އެންމެ އަސާސީ އަމާޒަކަށް ވާންވާނީ ދިވެހިންނާއި ދިވެހި ޤައުމުގެ ސަލާމަތާއި މަސްލަޙަތު ހިމާޔަތްކޮށް ރައްކާތެރިކުރުންކަމަށެވެ.
ދިވެހިރާއްޖެ ލެއްވިފައިވަނީ އިންޑިއާ ކަނޑުގައި ކަމަށްވެފައި ބައިނަލްއަޤުވާމީ ސަލާމަތާއި ވިޔަފާރީގެ ދާއިރާގައި އިންޑިއާ ކަނޑުގެ އަހަންމިއްޔަތުކަން އިތުރުވަމުން އަންނަ ހިނދު، އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތްކުރުމަކީވެސް ދިވެހި ޚާރިޖީ ސިޔާސަތުގައި ރިޢާޔަތްކުރަންވާ މުހިންމު ކަމެއްކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!