މިފްކޯގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސް ލިބެމުންދާތީ މަސް ކިރުވުމުގައި ދަތިތަކާ ދިމާވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މަސްވެރިކަން މިހާރު އާދަޔާ ހިލާފަށް ރަނގަޅު ކަމަށެވެ. އެހެންވެ ގިނަ ދޯނިތަކުން އެއްފަހަރާ މިފްކޯގެ ސެންޓަރުތަކުން މަސް ކިރުވަން ދާ ކަމަށާއި އޭގެ ސަބަބުން ކެޕޭސިޓީއަށްވުރެ އިތުރަށް މަސަ ލިބެމުން އަންނަ ކަމަށެވެ.
މަސް ކިރުވަން ކިޔޫގައި ޖެހޭ އަދަދު ގިނަކަން ފާހަގަކޮށް މިފްކޯއިން ބުނީ އިއްޔެ ކިޔޫގައި ޖެހުނު ދޯނިތަކުން މިއަދުވެސް މަސް ކިރުވަމުން ދާކަމަށެވެ. އަދި ހުކުރު ދުވަހަކީ ބަންދު ދުވަހެއް ނަމަވެސް ހުކުރު ދުވަހު މަސް ކިރުވުމުގެ މަސައްކަތް ކުރާތާ ހަތަރު ހަފުތާ ވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ކޯލްޑް ސްްޓޯރުތައް ވެސް ފުރެމުންދާތީ މެދުކެނޑުމެއްނެތި ކެރިއާ ބޯޓުތަކަށް ލޯޑުކޮށްގެން މަސް އެކްސްޕޯޓު ކުރަމުން އަންނަ ކަމަށްވެސް މިފްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ ރާވައިގެން މަސްކިރުވުމުގެ މަސައްކަތް ކުރިނަމަވެސް އަދިވެސް ދަތިތައް ހުރުމުންނާއި ކިޔޫގައި ޖެހޭ އަދަދު އިތުރުވުމުން މާދަމާއިން ފެށިގެން ދޯންޏަކުން ކިރުވޭނީ ފަސް ޓަނު ކަމަށެވެ. ނަމަވެސް މިހާރު ކިޔޫގައި ތިބި ދޯނިތަކުގެ ހުރިހާ މަހެއް ކިރުވާނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
މިދިޔަ އަހަރު މިފްކޯއިން 49،392 ޓަނުގެ މަސް ކިރުވައިފައިވާއިރު މިއަހަރުގެ މިހާތަނަށް 56،198 ޓަނުގެ މަސް ވަނީ ކިރުވައިފައެވެ. މިހާރު މިފްކޯގެ ކެޕޭސިޓީއަކީ ދުވާލަކު 400-500 ޓަނެވެ.
މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން އަންނަނީ ޕްރޮޖެކްޓުތަކެއްވެސް ހިންގަމުންނެވެ. މި ޕްރޮޖެކްޓުތައް ނިމުމުން ކުންފުންޏަށާއި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް މިފްކޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!