ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޝާހިދު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރަށްވާފައި ވަނީ ދާދި ދެންމެއަކު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ޝާހިދު ވިދާޅުވީ އެމަނިކުފާނު މިވަގުތު ހުންނެވީ އައިސޮލޭޝަންގައި ގޭގައި ކަމަށެވެ. އަދި ބަލީގެ އަލާމަތްތައް ފެންނަނީ ކުޑަކޮށް ކަމަށް ވެސް ވިދާޅުވިއެވެ.

ކޯވިޑްއިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ އިތުރުން ބޫސްޓާ ޑޯޒްވެސް އޭނާ ޖައްސަވާފައިވާ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވަނީ ކޯވިޑް ބަލި ތަހައްމަލު ކުރަމުންދާ އެތައް މިލިއަން މީހުންނަށާއި، އަދި ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ލިބިފައިނުވާ އެތައް ބިލިއަން މީހުންނަށް ހެޔޮ ދުޢާ ދަންނަވާކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ އިތުރުން ޝާހިދު ފުރުއްވަމުން ގެންދަވާ ޝަރަފްވެރި މަޤާމް، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިޚާބުވެ ވަޑައިގަތީ މިއަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 143 ވޯޓުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.

މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ. އަދި ދިވެއްސަކު ދުނިޔޭގެ މިފެންވަރުގެ މަގާމަކަށް އިންތިޚާބުވި ފުރަތަމަ ފަހެރެވެ.

މި މަގާމުގެ ޒިންމާތައް އަދާކުރަށްވަން ޝާހިދު ހުންނަވަނީ އެމެރިކާގެ ނިއުޔޯކުގަ އެވެ.