އިޓާލިއަން ސީރިއާ އޭގައި އަންގާރަ ދުވަހުގެ ރޭ ޔުވެންޓަސްއާއި ކަގްލިއާރީ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މި ސީޒަން ފަށައިގެން ޔުވެންޓަސްއިން ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް މިހާރު އެ ޓީމްގެ ފޯމް ވަނީ ރަނގަޅުވެފައެވެ. މިގޮތުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ވަނީ ކާމިޔާބު ކޮށްފައެވެ.
މެޗުގެ ކުރީކޮޅު ލަނޑުޖަހާނެ ރަނގަޅު ހުސް ފުރުޞަތެއް ވަނީ ޔުވެންޓަސްގެ ފޯވާޑް މޫސީ ކީންއަށް ލިބިފައެވެ. ޔުވެންޓަސްގެ ކުއަޑާޑޯ ނަގައިދިން ހުރަސް ކަގްލިއާރީގެ އޭރިއާތެރޭ ކީން ހުހަށްހުރެ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވެފައި ވަނީ ކަގްލިއާރީގެ ގޯލުގެ ދަނޑިއަށެވެ.
ޔުވެންޓަސްއިން މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑަކީ ޔުވެންޓަސްގެ ބެރްނަޑެސްކީ ކަގްލިއާރީގެ ގޯލާއި ދިމާލަށް ފޮނުވާލި ބާރު ހަމަލާއެއް ކަގްލިއާރީގެ ޑިފެންޑަރުންގެ ގައިގައި ޖެހި މިސްރާބު ބަދަލުވީ ވަގުތު ކީން ވަނީ ބޮލުންޖަހައި އެ ބޯޅަ ގޯލަށް ވައްދާލާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ކަގްލިއާރީން ރަނގަޅު ދެ ފުރުޞަތެއް ތަނަވަސްކުރިއިރު، އެ ޓީމްގެ ޑަލްބާޓްއަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އަދި މީގެ އިތުރުން އެ ޓީމްގެ ކެޕްޓަން ޕެޑްރޯ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ޔުވެންޓަސްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.
މި މެޗުގައި ޔުވެންޓަސްއަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ 83 ވަނަ މިނެޓުގައި ބެރްނަޑެސްކީއެވެ. މިއީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުން އޭނާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.
މި ނަތީޖާއާއިއެކު ޔުވެންޓަސް ވަނީ ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 19 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ. މެޗުން ބަލިވި ކަގްލިއާރީ މިވަގުތު އޮތީ ކުޅުނު 19 މެޗުން ލިބުނު 10 ޕޮއިންޓާއިއެކު ތާވަލުގެ 19 ވަނާގައެވެ. މިވަގުތު އިޓާލިއަން ސީރިއާ އޭގެ އެއްވަނާގައި އޮތީ އިންޓަ މިލާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!