ގދ. ގައްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދެވެ.
މި މަޝްރޫއުގެ ދަށުން އެރަށު ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ބޭރުތޮށިލުމާ 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ އެއްގަމުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 320 މީޓަރުގެ ސްކައުރިން އޭޕްރަންއަކާއި 1600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
މީގެ އިތުރުން، 26 މީޓަރު ދިގުމިނުގެ 2 މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 38.41 މިލިއިން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެމްޓީސީސީން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 62 މަޝްރޫއެއް ދަނީ ހިންގަމުންނެވެ. މީގެ ތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫތަކެވެ. ވޭތުވެ ދިޔަ 3 އަހަރު ބަނދަރު ހެދުމުގެ 23 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!