ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހުޅުވާލައިފިއެވެ.
އެމްއެންޕީން މިއަދު ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް އެފުރުޞަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން މި ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 26 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 17:00 ކުރިން އެމްއެންޕީގެ އޮފީހަށް ހުށަހެޅުމަށް އެ ޕާޓީން ވަނީ ފުރުޞަޠު ހުޅުވާލާފައެވެ. އަދި އެމްއެންޕީގެ އީމެއިލް admin@mnp.mv އަށް އީމެއިލް ކުރެއްވުމުންވެސް ފޯމް ބަލައިގަނެވޭނެކަމަށް އެ ޕާޓީން ބުނެއެވެ.
އެ ޕާޓީގެ ފަރާތުން މިއިންތިޚާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއްގައި، ވޯޓްލުން ކުރިއަށް ގެންދަން އެ ޕާޓީން ނިންމާފައި ވަނީ، 28 ޑިސެމްބަރ 2021 ވާ ބުދަ ދުވަހު ހެނދުނު 10:00 ން ހަވީރު 17:00 އަށް ކޮމަންޑޫ ދާއިރާގެ ރަށްރަށުގެ އިތުރުން މާލޭގެ އެމް.އެން.ޕީ އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެމްއެންޕީ އޮފީހުގެ ނަންބަރު: 9708080 ނުވަތަ 9301177 އަށް ގުޅުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވެސް ވަނީ މިހާރު ހުޅުވާލާފައެވެ. އެމްޑީޕީން ވަނީ މި އިންތިޚާބުގެ ޕްރައިމަރީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމާ ޢިއުލާން ކޮށްފައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!