ޤައުމީ ޚިދުމަތްތެރިޔާ، ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރާގޮތަށް ހަމަޖެހިއްޖެއެވެ.
އުމަރުޒާހިރު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު މެންދުރުފަހު 14:02 ގައެވެ.
ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި، ހުޅުމާލެ އާރާސްތުކުރުމުގެ މަސައްކަތް ފަރުމާކޮށް ފެށުމުގައާއި، ތިލަފުށި ހެދުމާއި، މާލޭގެ މަގު ހެދުން ފަދަ ތަރައްގީގެ ގިނަ މަޝްރޫޢުތައް ހިންގުމުގެ އިސް މޭސްތިރިއަކީ އެމަނިކުފާނެވެ.
އެމަނިކުފާނަކީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ސަރުކާރު މަތީ އެތައް މަގާމުތަކެއް ފުރުއްވާފަައިވާ ބޭފުޅެކެވެ.
އެމަނިކުފާނު ފުރުއްވި އިސްމަގާމްތަކުގެ ތެރޭގައި މާލޭ މުނިސްޕަލްޓީގެ ރައީސްކަން (1980 އިން 1993 އަށް)، މިނިސްޓަރު އޮފް ހޯމްއެފެއާޒް އެންޑް ޝޯސަލްސާވިސްގެ މަޤާމު (1983 އިން 1988 އަށް)، މިނިސްޓަރު އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ މަޤާމު (1988 އިން 1993އަށް)، މިނިސްޓަރު އޮފް ކޮންސްޓަރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ މަޤާމު (1993 އިން 2004) އަށް، މިނިސްޓަރު އޮފް ހޯމް އެފެއާޒްގެ މަޤާމު (2004 އިން 2005 އަށް)، އަދި ސީނިއާ މިނިސްޓަރުކަމުގެ މަޤާމު (2005 އިން 2008އަށް) ހިމެނެއެވެ.
އެމަނިކުފާނު ވަނީ ދާދިފަހުން އަމިއްލަ ޚަރަދުފުޅުގައި ފުވައްމުލަކުގައި މިސްކިތެއް ވެސް ބިނާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!