ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަ ކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ނިންމާ އެމްއެންޕީއިން މިއަދު ވަނީ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ. މިގޮތުން ވީ 26 ޑިސެންބަރ 2021 ގެ 1700 ގެ ކުރިން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން އެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް އެ ޕާޓީން މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަ ކުރާނެ ކަމަށް އެމްއެންޕީއިން ބުނިއިރު، އެ ދާއުރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވެސް ވަނީ މިހާރު ހުޅުވާލާފައެވެ. ދެން އެ ދާއިރާއަށް ކެންޑިޑޭޓަކު ނެރޭނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަމަށް ވެސް ވަނީ އަޑުތައް ފެތުރިފައެވެ. ނަމަވެސް އެ ކޯލިޝަނުން އަދި މިކަމާގުޅޭ ރަސްމީ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ، އެ ޕާޓީގެ ރަޖިސްޓަރީ ހަވާލުކުރީ ހުސްވި އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެމްއެންޕީ ވުޖޫދަށް ގެނައުމުގެ ކަންކަމަށް އިލެކްޝަނުން ހުއްދަ ދީފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
އެ ޕާޓީން މިހާރު ވަނީ 10 ހާސް މެންބަރޝިޕް ފޯމް އީސީއަށް ހުށަހަޅާފައިކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!