މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ 34 ޕްރިޒަން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން މިއަދު ދީފިއެވެ.
ކަރެކްޝަނަލް ސާވިސްއިން ވިދާޅުވި ގޮތުގައި އެ އިދާރާގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދީފައިވަނީ މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެފަ ވެއެވެ.
ކަރެކްޝަނަލް ސާވިސްއަކީ ރާއްޖޭގެ ޖަލުތަކުގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމަކަށް ހަދައި، ޤައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ޤާއިމުކޮށްދީ، ޤައިދީންނަށް ތަފާތު އެކިއެކި ރޮގުރުގުން ތަމްރީނުދީ އެކިއެކި ހުނަރުދަސްކޮށްދީ، ޤައިދީން ކުއްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމަޢަށް ގެނައުމަށް ބާރުއަޅައި، ޝަރީޢަތުން ކޮށްފައިވާ ޙުކުމާއެއްގޮތަށް ޙުކުމް ތަންފީޒް ކުރުމުގެ އުސޫލުތައް ކަނޑައެޅައި އަދި ޤާނޫނަކުން ބާރުލިބިގެން ތަޙުޤީޤުކުރާ އިދާރާތަކުން ތަޙުޤީގު މަރުޙަލާގަޔާއި ޝަރީޢަތުގެ މަރުޙަލާގައި މީހުން ބަންދުގައި ބައްތިއްބާނެ ތަންތަނާއި އުސޫލުތައް ކަނޑައެޅުން ފަދަ ކަންކަން މަތިކޮށްފައިވާ މުއައްސަސާއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުން 3 ޖަލެއް ހިންގައެވެ. އެއީ މާފުށީ ޖަލު، މާލެ ޖަލު އަދި އައްސޭރި ޖަލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!