ހިތުގެ މައްސަލަތަކެއް ފާހަގަ ކުރެވުމުގެ ސަބަބުން އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިޢުލާން ކޮށްފައި ވަނީ އެކަމަށްޓަކައި ބާސެލޯނާގެ ސްޓޭޑިއަމްގައި މިއަދު ބޭއްވި ހަރަކާތުގައެވެ.
އުމުރުން 33 އަހަރުގެ އަގުއޭރޯގެ ހިތުގެ މައްސަލައެއް ފާހަގަ ކުރެވިފައިވަނީ ސްޕެނިޝް ލީގުގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި އަގުއޭރޯއަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާދިނުމަށްފަހު ވަނީ ހޮސްޕިޓަލަށް ގެންގޮސް، އިތުރު ޓެސްޓުތަކެއް ހަދާފައެވެ.
އެ މެޗަށްފަހު ބާސާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހިތުގެ ޓެސްޓްތަކެއް ހަދަން އަގުއޭރޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށާއި، އަގުއޭރޯގެ ހާލަތު ދެނެގަންނަން ތިން މަސް ދުވަހުގެ މުއްދަތަށް މޮނިޓަރިންގައި ބަހައްޓަން ނިންމި ނަމަވެސް ފުރަތަމަ ޓެސްޓްތަކުން ވެސް އަގުއޭރޯ އަށް ދެން ފުޓްބޯޅައިން ކުރިއަށް ދިޔުމަށް ގޮންޖެހުންތަކެއް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ.
މިއަދު އެ ހަރަކާތުގައި ވާހަކަ ދައްކަމުން އަގުއެރޯ ބުނެފައި ވަނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމި ނިންމުމަކީ ވަރަށް ވެސް އުނދަގޫ ނިންމުމެއް ކަމަށެވެ. ނަމަވެސް މި ނިންމުމާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. އެންމެ މުހިންމީ ސިއްހަތު ކަމަށާއި މި އުނދަގޫ ނިންމުން ނިންމާފައި މި ވަނީ ޑޮކްޓަރުންގެ ލަފަޔާވެސް އެކުގައި ކަމަށެވެ.
އަގުއެރޯގެ ކުޅުން ފުރަތަމަ ފާހަގަ ކުރެވުނީ އާޖެންޓީނާގެ ކުލަބެއް ކަމުގައިވާ އިންޑިޕެންޑިއޭޓުންނެވެ. އަގުއެރޯ ފުރަތަމަ ކުޅެފައިވާ ޔޫރަޕްގެ ކުލަބަކީ އެތުލެޓިކޯ މެޑްރިޑެވެ. އެ ޓީމާއެކު އޭނާ ވަނީ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ. އެ ޓީމަށް ކުޅެދިން 234 މެޗުގައި އޭނާ ވަނީ 101 ލަނޑު ޖަހާފައެވެ.
އަގުއެރޯގެ ފުޓްބޯޅަ ކެރިއާގައި އެންމެ ގިނަ ކާމިޔާބު ހޯދާފައި ވަނީ މެންޗެސްޓާ ސިޓީއާއިއެކުއެވެ. އެތުލެޓިކޯ މެޑްރިޑުން ސިޓީއަށް އޭނާ ބަދަލުވެފައި ވަނީ 2011 ވަނަ އަހަރުއެވެ. އެއަށްފަހު ސިޓީއަށް ދިހަ އަހަރުގެ މުއްދަތައް ކުޅެފައިވާއިރު އެ ޓީމާއެކު ޕްރިމިއާ ލީގު ފަސް ފަހަރު، އެފްއޭ ކަޕް އެއް ފަހަރު އަދި ލީގު ކަޕް ހަ ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މީގެއިތުރުން ސިޓީއަށް ކުޅެދިން 390 މެޗުން 260 ގޯލު ޖަހައި އެނާ ވަނީ ސިޓީއަށް އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.
އަގުއޭރޯގެ އިތުރު ކާމިޔާބީތަކަށް ބަލައިލާއިރު އޭނާ ވަނީ އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމާ އެކު 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދާފައެވެ. އަދި މިއަހަރު އާޖެންޓީނާއިން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު އެ ޓީމްގައި ވެސް އަގުއޭރޯ ހިމެނެއެވެ. އަގުއޭރޯ ވަނީ ފުޓްބޯޅައިގެ ކެރިއާގައި ޖުމްލަ 786 މެޗު ކުޅެ 427 ގޯލު ޖަހާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!